މޫނު ބުރުގާ ފަދަ އިސްލާމީ ޝިޢާރުތަކާއި ދެކޮޅު ހެދުމަކީ އެއްވެސް މަޚްލޫޤަކަށް ލިބިގެންވާ ޙައްޤެއް ނޫންކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރުކަންވެސްކުރެއްވި ޑރ. އިޔާޒް މިފަދައިން ވިދާޅުވެފައި މިވަނީ، މޫނުބުރުގާ އަޅައިގެން މުދައްރިސުންނަށް ސްކޫލްތަކުގައި ކިޔަވައިދޭން ނުދެވޭގޮތަށް މި ސަރުކާރުގެ ތައުލީމާބެހޭ ސިޔާސާތުގެ ދަށުން މުދައްރިސުންގެ އާ ސުލޫކީ މިންގަނޑު އިއުލާނުކޮށް، އެ މިންގަނޑަށް އާންމުން ވަރަށް ބޮޑަށް ނުރުހި ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތުކުރައްވާ އިޔާޒް ވިދާޅުވީ، "މޫނު ބުރުގާ ފަދަ އިސްލާމީ ޝިޢާރުތަކާއި ދެކޮޅު ހެދުމަކީ އެއްވެސް މަޚްލޫޤަކަށް ލިބިގެންވާ ޙައްޤެއް ނޫން." ކަމަށެވެ.

"އެފަދަކަމެއް ކުރާމީހާގެ އީމާންކަން މުރާޖަޢާ ކުރަންޖެހޭ." ކަމަށްވެސް ރައީސް އިބްރާހީމް ދެވަނަ ދައުރަކަށް ވެރިކަމަށް ގެންނާން އެމަނިކުފާނަށް ބައިއަތު ހިފާފައިވާ އަދާލަތު ޕާޓީގެ ޖުޑީޝަލް ކޮމިޓީގެ ޗީފް ޖަސްޓިސްގެ މަގާމުގައި ހުންނެވި އިޔާޒް ވިދާޅުވިއެވެ.

މުދައްރިދުންގެ ފަންނީ، އަޚްލާގީ އަދި އިޖްތިމާއީ ސުލޫކު ހަރުދަނާކުރުމަށް ތައުލީމާ ބެހޭ ވުޒާރާއިން އާންމުކުރި މިންގަނޑުގައި ވާގޮތުން " "އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު ހުންނަންވާނީ، ތިމާއަކީ ކާކުކަން އެނގޭ ގޮތަށް" ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގައި ތައުލީމް ހާސިލުކުރަމުންދާ އަންހެން ކުދިންގެ ތެރެއިން މޫނު ބުރުގާ އަޅާ ދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރު ނުވެވޭނެ ކަމަށް އެންގި މައްސަލައެއްވެސް މީގެ ދުވަސްކޮޅެއް ކުރީން ވަނީ ފެންމަތިވެފައެވެ.

ޑރ. އިޔާޒް އިތުރަށް ވިދާޅުވެފައި ވަނީ، ދަރިވަރުންނަށް އުނގަންނައިދިނުމަށް އަންނަ ފަރާތަކީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް ނަމޫނާ އަކަށްވާންޖެހޭ ބަޔެއް ކަމަށެވެ.

"އެހެންކަމުން, ހުރިހާ ޓީޗަރުންނަކީ އަދި ހުރިހާ ދަރިވަރުންގެ މަންމަ ކަމުގައި ދަޢްވާކުރާ ފަރާތަކީ އިސްލާމީ ގިޔުގަނޑަށް ފެތޭގޮތަށް ހެދުން އަޅައިގެން ތިބޭ ބަޔަކުކަމުގައި ވާންޖެހޭ. އެކަމަށް ނުކުޅެދޭނަމަ, ކުޅެދޭ ފަރާތަކާއި ޙަވާލުކޮށްފައި އެއްފަރާތަށް ޖެހިވަޑައިގަތުމަކީ އަންނަން އޮތް ޖީލުތަކުގެ މުސްތަޤްބަލަށްޓަކައި ކުރަންޖެހޭ ކަމެއް" އެޑިއުކޭޝަން މިނިސްޓްރީގެ އެކްސް ހޭންޑްލް ޓެގްކޮށް ކުރެއްވި އެކްސްއެއްގައި އޭނާ ވިދާޅުވިއެވެ.