ޖުމްހޫރީ ޕާޓީގެ ވިސްނުން ހުރީ ސަރުކާރާއި ގައުމަށް ފައިދާވާގޮތަށް ނޫންކަމަށް ވިދާޅުވެ، އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ) އެ ޕާޓީ ދޫކޮށް، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ބައިއަތު ހިފުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީގެ ފަރާތުންވަނީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިންތިޚާބުގައި ވާދަކުރާން ނިންމައި ކެމްޕޭން ފަށައިފައެވެ. އެކަމާ ގުޅިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ގިނަ މެންތަކެއް ވަނީ، މީގެ ކުރީންވެސް މަގާމު ދިފާއުކުރެއްވުމަށްޓަކައި ޖޭޕީ ދޫކުރައްވައިފައެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އިމިގްރޭޝަން ކޮންޓްރޯލަރުކަން ލިބިވަޑައިގެންނެވި ހަނަފީ ޖޭޕީގެ ލީޑަރު ގާސިމަށް ފޮނުއްވި ސިޓީގައި ވަނީ، ޖުމްހޫރީ ޕާޓީގެ ވިސްނުން މިވަގުތު ހުރީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ.

ހަނަފީ ޖޭޕީން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގަތީ އޭނާގެ އާއިލާއަށް ނިސްބަތްވާ 60 މެންބަރުންގެ ބޮޑު ޓީމަކާވެސް އެކުގައެވެ.