ކުރިގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެކުޅުމަށް ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް ފާރިސް މައުމޫނު ވާދަކުރައްވާން ނިންމަވައިފިއެވެ.

އެމްއާރްއެމްއިން ބުނީ، "އެމް.އާރު.އެމް ގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއަވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް، އެމް.އާރް.އެމްގެ ރައީސް ފާރިސް މައުމޫން    ފޯމު ހުށަހަޅުއްވައިފި" ކަމަށެވެ.

އެމްއާރްއެމްއިން ޕްރައިމަރީއަށް ހުޅުވައިލީ އަންގާރަދުވަހުއެވެ. އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ޖުލައި 27ގެ ނިޔަލަށް އެ ފުރުސަތުވަނީ ހުޅުވާލައިފައެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ ޕްރައިމަރީގެ ވޯޓްލުން އޮންނާނީ އޯގަސްޓް އެއްވަނަ ދުވަހުއެވެ.