މި ވޭތުވެ ދާ ފަސް އަހަރު ތެރޭގައި ރާއްޖޭން ގެންގުޅުނު ފުރިހަމަ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ރާއްޖޭގެ އިގްތިޞާދީ ތަރައްގީއަށް ދިރުން ލިބި، ރައްޔިތުންގެ ދުންތެރިކަން އިތުރުވެ އާއިލާތައް ތަނަވަސް ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ، "މިއަދު އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ރާއްޖެއާއި ބައިނަލްއަޤުވާމީ މުޖްތަމަޢާ ދެމެދުގައި އޮތް ރަޙްމަތްތެރި ބަދަހި ގުޅުން. " ކަމަށެވެ.

އެގޮތުން "އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ދިރުން ލިބިއްޖެ. ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ ޢާއިލީ ތަނަވަސްކަން އިތުރުވެއްޖެ." ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، މިނިވަންކަމާއެކު ދިރިއުޅުމުގެ މަގު ރައްޔިތުންނަށް ތަނަވަސްކޮށްދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް އެކި ގޮތްގޮތުން ފަހިކޮށްދެއްވާފައިވާ 5 އަހަރުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މިގޮތަށް ވިދާޅުވި ނަމަވެސް، ވޭތުވެ ދިޔަ ފަސް އަހަރުތެރޭގައި، ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑުތަނުން ދަށަށްގޮސް، ދަރަނީގެ މިންވަރު މިއިން ޒަމާނަކު ނާރާވަރަށް ބޮޑުވެ، ދުނިޔޭގެ މާލީ އިދާރާތަކުން ދަނީ ރާއްޖޭގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މުދަލާއި ޚިދުމަތްތަކުގެ އަގު އިންތިހާއަށް އުފުލި، ރައްޔިތުންދަނީ އެކަމުގެ ތަކްލީފްތައް އުފުލަމުންނެވެ.

ރައްޔިތުންގެ ޝަކުވާތަށް މިފަދައިން ހުރި ކަމުގައި ވީ ނަމަވެސް، ކުދި އަދި މެދުފަންތީގެ އެތަކެއް ވިޔަފާރިތައް ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ބަނގުރޫޓްވެގެން ދިޔަނަމަވެސް، ސިޔާސީގޮތުން މަންފާ ލިބޭ ބައެއް ފަރުދުންގެ ފުދުންތެރިކަން އިންތިހާއަށް އިތުރުވެ އެފަރާތަތަކާ ގުޅުންހުރި ޢާއިލާތަކުގެ ޖީބުތައް ތަނަވަސްވެގެން ނުދެއެކޭ ނުދެންނެވޭނެއެވެ.