ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޢަދުލުއިންސާފު ޤާއިމުކުރުމާއި ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން މުޙިއްމަ ކަމަށް ދިފާޢީވަޒީރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހާގުޅިގެން ދިފާޢީ ވަޒީރު ދެއްވި ޚިތާބުގައި ވިދާޅުވީ، މިސަރުކާރުން އަބަދުވެސް އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ހިމެނޭ ކަމަށެވެ.

"ރައްޔިތުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އަދުލު އިންސާފް ޤާއިމްވުމާއި، ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމާއި، ވިޔަފާރިއާއި އިޤްތިޞާދުގައި ރައްޔިތުންނަށް ބައިވެރިވެވޭނެ ފަހި މާޙައުލެއް އޮތުމާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވުމަކީވެސް، ޤައުމުގެ މިނިވަންކަމާއި ގުޅިފައިވާ މުހިންމު ކަންކަން،" އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ، "ތަފާތު ޚިޔާލުތަކަށް ޖާގަދީ، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ގުޅިގެން މަސައްކަތް ކުރުމަކީ މިނިވަންކަމާއި ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް މުހިންމު ކަމެއް." ކަމަށެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ދިފާޢީ ވަޒީރު މިމޭރުމުން ވާހަކަފުޅުދައްކަވާފައިވާއިރު، ރާއްޖޭގައި ވޭތުވެދިޔަ 5 އަހަރު ވެސް މިދިޔައީ އެއްވެ އުޅުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށް، އަދި ޚާއްސަކޮށް އަދުލު އިންސާފު ހޯދުމުގައި އިކޮޅުފަރާތްތަކަށް ދައުލަތުން ވަރަށް ބޮޑަށް ދަތިކޮށް ނުފޫޒުފޯރުވާކަމުގެ ތުހުމަތުތަކާއެކުކަން ފާހަގަކޮށްލެވެއެވެ.