ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ އިންތިޚާބީ އޭޖެންޓަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ހަމަޖައްސައިފިއެވެ. މީގެ އިތުރުން ކެމްޕޭން މެނޭޖަރަކަށް ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ފަޔާޒް (އެފްއޭ) ވަނީ ހަމަޖައްސައިފައެވެ.

ކުރީގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލް އުޝާމަކީ އެމްއެންގެ ނައިބުރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން އެފްއޭއަކީ ރައީސް ޔާމީންގެ ވެރިކަމުގައި މެލޭޝިއާއަށް ރާއްޖޭން ކަނޑައެޅުއްވި ސަފީރުކަމާއި އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.

އެމްއެންޕީން އެ ޕާޓީގެ ރިޔާސީ ޓިކެޓް ކާނަލް ނާޒިމަށް އަރުވައި ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށީ މޭ 26ގައެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން އިންތިޚާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންޖެހެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ، ޖުލައި 23 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 7 ވަނަ ދުވަހާއި ހަމައަށް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ދޮރު ހުޅުވާލައިފައެވެ.