އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހަޅާ ކެނޑިޑަސީ ފޯމުގައި ސޮއިކުރައްވައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ، ރިޔާސީ އިންތިޚާބުގައި ވާދަކުރާން ހުށަހަޅާން ޖެހޭ އެންމެހައި ލިޔެކިޔުންތަކުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ސޮއިކުރައްވައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް މެދުވެރިކޮށް ޕާޓީގެ އޮފީހާ ލިޔެކިޔުންތައް ހަވާލުކޮށްފައިވާ ކަމަށެވެ.

ގާނޫނީ އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ފުރިހަމަވާޖެހޭ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށްވާންޖެހެއެވެ. އެހެންކަމުން ރައީސް ޔާމީން އިލެކްޝަނަށް ފޯމު ހުށަހެޅުއްވި ކަމުގައިވީ ނަމަވެސް، އެމަނިކުފާނަށް މިފަހަރުގެ އިންތިޚާބުގައި ވާދަކުރެވޭމޭ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ.

ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރާން ހުށަހެޅުމުން އެ މައްސަލަ އޮތީ، ކޯޓުގެ ބައެއް ފަނޑިޔާރުންގެ ޗުއްޓީއާ ގުޅިގެން ކުރިއަށް ނުގޮސްފައެވެ. މިއީ އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން ޝަރުޢީ ނިޒާމުގެ ތެރެއަށް އަތްބާނައިގެން، ރައީސް ޔާމީނާއި އެމަނިކުފާނަށް ތާޢީދުކުރާ ލައްކައަކާ ގާތްކުރާ އަދަދުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނާން ކުރާ ވަރަށް ބޭއިންސާފު އަދި އިއާދަނިކުރެވޭނޭވަރުގެ ގެއްލުމެއް ލިބޭނޭ ކަމެކެވެ.

ހައިކޯޓުގައި އޮތް އިސްތިއުނާފުގެ މައްސަލަ އަވަސްކުރުމަށް އެދި ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމްކޯޓަށްވެސް މައްސަލައެއް ވެއްދިއެވެ. ނަމަވެސް އެ މައްސަލަވެސް ވަނީ ކޯޓުން ބޭރުކޮށްލައިފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުލައި 23ން އޯގަސްތް 7 އަށް ވަނީ ހުޅުވާލެވިފައެވެ. އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ.