އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑޭވިޑް ޖަސެޕް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ހޯމަދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ފަތްކޮޅު އެރުއްވުމުގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ހަރުދަނާ ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އިބްރާހީމާއި އޮސްޓްރޭލިޔާގެ ސަފީރު ވަނީ އަންނަ އަހަރަކީ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރާ އަހަރުކަމަށް ވުމާއެކު އޮސްޓްރޭލިޔާގެ ހައިކޮމިޝަނެއް ރާއްޖޭގައި ޤާއިމުކުރާ މި ދަނޑިވަޅަކީ އެކަމަށް ވަރަށް މުނާޞަބު ދަނޑިވަޅެއްކަން ފާހަގަކުރައްވާފައެވެ.

ރައީސް އިބްރާހީމް ވަނީ، ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތައްކަމުގައިވާ މީހުން ބިނާކުރުމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުންފަދަ ކަންކަމުގައި އޮސްޓްރޭލިޔާ ސަރުކާރުން ދޭ އެހީތެރިކަން ފާހަގަކުރައްވައިފައެވެ. އަދި ހަމަ އެގޮތަށް،

ފަތްކޮޅުއެރުއްވުމަށް ބޭއްވެވި މަޝްވަރާތައް ނިންމަވާލެއްވީ ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ.