ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ މެންބަރުކަމަށް އެދި ފޯމު ހުށަހަޅާ އެންމެނަށްވެސް ވޯޓު ލެވޭގޮތަށް ކަނޑައަޅައި އެކަން އިއުލާނުކޮށްފިއެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެންމެ ކެންޑިޑޭޓެކެވެ. އެއީ ހުޅުދޫ ދާއިރާގެ މަޖްލިސް މެންބަރު އިލްޔާސް ލަބީބެވެ. އެހެންކަމުން މި ޕްރައިމަރީގައި ވޯޓް ނަގާނީ ފެންނަނަ ނުފެންނަ ވޯޓެކެވެ.

ޑިމޮކްރެޓްސްއިން ކުރި އިއުލާނެއްގައި ބުނީ، ކުރުމުއްދަތެއްގެ ތެރޭގައި ޕާޓީ އެކުލަވާލައި، މިފަދަ ޕްރައިމަރީއަކަށް ދާންޖެހުމުން، ޕާޓީގެ ފިކުރާއި ސިޔާސަތުތަކަށް ތާޢީދުކުރާ ގިނައަދަދެއްގެ ރައްޔިތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބުމާއެކު، ޕާޓީގެ ފުރަތަމަ ޕްރައިމަރީގައި ބައިވެރިވާން ބޭނުންވާ ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން އިންޓަރިމް ކައުންސިލްގެ 2 ވަނަ ބައްދަލުވުމުން ކަނޑައެޅީ ޕްރައިމަރީ ބާއްވާއިރު އެހާތަނަށް ޕާޓީއަށް ވަނުމަށް ފޯމުހުށަހަޅާ ހުރިހާ ފަރާތްތަކަށް ވޯޓުދިނުމުގެ ހައްގު ދޭގޮތަށް ކަމަށެވެ.

ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ޕާޓީގެ ޕްރައިމަރީއަށް އެންމެ ފަރާތަކުން ނަން ހުށަހަޅައިފިނަމަ، ފެންނަ ނުފެންނަ ވޯޓެއްގައި ޕާޓީގެ މެމްބަރުންގެ 10 އިންސައްތަ ވޯޓު ލިބިގެން ރިޔާސީ ޓިކެޓް ހޯދޭނެއެވެ.