ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން ޢިއުލާނުކުރައްވާފައިވާ، ކުރީގެ ރައީސް ޔާމީނާއި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ދެބޭފުޅުމްގެ އިންތިޚާބީ ކެންޑިޑޭޓުން ހަމަޖައްސައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓް ޔާމީންގެ އިންތިޚާބީ އޭޖެންޓަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސާފައިވާއިރު، ސަރުކާރު ހިންގާ އެމްޑީޕީ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމްގެ އިންތިޚާބީ އޭޖެންޓަކަށް ހަމަޖައްސާފައިވަނީ، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން އިންތިޚާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންޖެހެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ، ޖުލައި 23 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 7 ވަނަ ދުވަހާއި ހަމައަށް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ދޮރު ހުޅުވާލައިފައެވެ.

ރައީސް ޔާމީނާއި ރައީސް އިބްރާހީމްގެ ފަރާތުން އިންތިޚާބީ މެނޭޖަރުންވެސް ވަނީ އައްޔަނުކޮށްފައެވެ. އެގޮތުން ޔާމީނުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ، ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކުރީގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރު މުހައްމަދު އަމީނެވެ. އަދި ރައީސް އިބްރާހީމުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދައިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ.