ޒުވާން ޖީލަކާ ރާއްޖެ ހިންގާން ހަވާލުކުރާން ޖެހޭ ކަމަށާއި އެގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ނެރޭން މަސައްކަތްކުރާ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަކީ އެފަދަ ޒުވާން ދަންދޮރު ދަންނަ ބޭފުޅެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ މައްސަލަ ޖެހިވަޑައިގެން އެމްޑީޕީން ވަކިވެވަޑައިގެންނެވި އެޕާޓީގެ ކުރީގެ ރައީސް މިހާރު ވަނީ އަލަށް އުފެއްދި ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން މުޅީން ތަފާތު ލެވެލެއްގައި ސިޔާސީ ޚަރަކާތްތައް ފައްޓަވައިފައެވެ. ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް މިފަހަރު ރައީސް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަތުމުގެ ބަދަލުގައި، މުޅީންވެސް ދައްކަވަނީ ޒުވާން ޖީލަކަށް ފުރުސަތު ދެއްވާ ވާހަކައެވެ. އަދި ޑިމޮކްރެޓްސްގެ ހުރިހާ ސިޔާސަތުތަކެއްވެސް ބައްޓަންވެފައި ވަނީ ވަރަށް ބޮޑަށް ޒުވާން ޖީލަށް އަމާޒުކޮށްގެންކަން ފާހަގަކޮށްލެވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުވެސް 2008 ވަނަ އަހަރު ރައީސް ކަމަށް ވަޑައިގެންނެވިއިރު ޒުވާން ކަމަށާއި އެގޮތުން ޓެކްސް ނިޒާމު ތައާރަފްކުރުމާއި ފްލެޓް އެޅުން ފަދަ ވިސްނުންފުޅަކީ ޢުމުރުފުޅުން 50ގެ ކުރީގައި ނެރެވުނު ވިސްނުންފުޅުތައް ކަމަށެވެ. އެހެންކަމުން މިހާރު އެމަނިކުފާނު ފުރުސަތު ދެއްވާން ބޭނުންފުޅުވާ އިލްޔާސް ލަބީބަކީ ކިޔަވައިގެން ހުރި ތަންދޮރު ދަންނަ، އަދި ރައީސް އިބްރާހީމާ އަޅައިކިޔާއިރު ބޮޑުތަނުން ތަފާތު ދައްކަވާނޭ ބޭފުޅެއްގެ ގޮތުގައި ނަޝީދުވަނީ އިލްޔާސް ސިފަކުރައްވައިފައެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އަޅުގަނޑު ދަންނަވާލާނީ މަނިކުފާނު މުސްކުޅިފުޅުވީ ވާހަކަ،" ވެރިކަމުގެ އަރާމާއި ލައްޒަތަށް އެއްވެސް އިރެއްގައި ޝައުގުވެރިކަން ނުގެންގުޅުއްވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާން ތިބި ބޭފުޅުންގެ ތެރޭންވެސް މައިކެއްކައިރީ ހުއްޓިލާފައި ސާދާކޮށް ކުރުކޮށް ބުނާން ބޭނުންވާ އެއްޗެއް ބުނުމުގެ ގާބިލްކަން ހުރި ހަމައެކަނި ބޭފުޅަކީ އިލްޔާސް ކަމަށެވެ.

"ތިބޭފުޅުންނަށް ވެސް މި ދަތުރުތައް ފަށާލީމާ، ތަފާތު ފެނިވަޑައިގަންނަވާނެ. އިލްޔާސް ލަބީބާއި ރައީސް ޞާލިހާ ޚާއްސަކޮށް އެނގިވަޑައިގަންނަވާނެ،"

ރައީސް ނަޝީދުގެ ވާހަކަފުޅު މިގޮތަށް ބައްޓަން ކުރެއްވުމުން އެމަނިކުފާނުގެ ވާދަވެރީން ސިފަކުރައްވަނީ، މިއީ އެމަނިކުފާނަށް މިހާރު ދެން ބޮޑުވަޒީރުކަމަށް ވަޑައިގަނެވޭން އޮތް އެންމެ ފަސޭހަ، ނުވަތަ ހަމައެކަނި މަގު ކަމަށްވާތީ އެމަނިކުފާދު ދައްކަވާ ވާހަކަފުޅުތައް ކަމަށެވެ.