ރިޔާސީ އިންތިޚާބު ކުޑަތަން ވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަންގެ ޖަލްސާއެއްގެ އިއްތިފާގުން ފާސްކޮށްފިއެވެ. މެންބަރުންގެ އިއްތިފާގުން އިތުބާރު ނެތްކަމަށް ފާސްކުރި ނަމަވެސް ފުއާދު މަގާމުން ބޭރުކުރުމުގެ ބާރެއް މެންބަރުންނަކަށް ނޯންނާނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލު ހަބީބު ވިދާޅުވީ، "އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކަންތައްތައް ކުރައްވާގޮތުން، ރައީސް އާ މެދު 3 މެންބަރެއްގެ އިތުބާރު ނެތްކަމަށް، ޖުލައި 18 ވަނަ ދުވަހު ބޭއްވި، ކޮމިޝަންގެ 794 ވަނަ ޢާންމު ޖަލްސާގެ އަގުލަބިއްޔަތުން ފާސްކޮށްފައި" ވާ ކަމަށެވެ.

ނަމަވެސް މި ވޯޓަކީ ފުއާދު މަގާމުން ދުރުކުރާން ނެގި ވޯޓެއް ނޫންކަމަށާއި، ޤާނޫނީ ގޮތުން ކޮމިޝަނުގެ ރައީސް މަގާމުން ވަކިކުރުމުގެ ބާރު ލިބިދެނީ ރައްޔިތުންގެ މަޖިލީހަށްކަން މެންބަރުންނަށް ވެސް އެނގޭ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންތަކެއް ހުރަސް އެޅިކަމަށާއި، އަދި އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި ޚިޔާލުތަފާތުވުމުގެ ސަބަބުން ކޮމިޝަންގެ ބައެއް މެންބަރުން ފުއާދާ މެދު ހިތްހަމަ ނުޖެހި، ޖަލްސާތައް ބޭއްވުމަށް ހުރަސްއަޅަމުން ދިޔަކަމަށް މީގެ ކުރީންވެސް ފުއާދު ވަނީ ވިދާޅުވެފައެވެ. އަދި ޒިންމާދާރު ވަޒީފާއެއްގައި ތިބެ، އެގޮތަށް އަމަލު ކުރުމަކީ ކޮމިޝަނުގެ ފެއިލްވުމެއް ކަމަށްވެސް ފުއާދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފުއާދު ވިދާޅުވީ، އޭނާގެ މައްޗަށް އިތުބާރު ނެތްކަމަށް މެންބަރުން ފާސްކުރިކަމުގައި ވީ ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ނުދެއްވާނޭ ކަމަށާއި، މިފަދަ އިންތިޚާބީ ދަނޑިވަޅެއްގައި އޭނާ އިސްތިއުފާ ދެއްވައިފި ނަމަ ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނޭ ކަމަށެވެ.