ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ގައުމުގެ ވެރިކަންކުރާވަރަށް ވުރެ ޞިއްޙީ ހާލުކޮޅު ދަށް ދޭފުޅެއްކަމަށާއި، މިހާރުވެސް ކޮންމެ ދުވަހަކު ހެނދުނު އެމަނިކުފާނަށް މުށެއްގެ ބޭސް ފަރީއްކުޅުއްވާން ޖެހިވަޑައިގަންނަވާކަމަށް، ރައީސް އިބްރާހީމްގެ ޅަފުރައިން ފެށިގެން ވޭތުވެދިޔަ ފަސްއަހަރާ ހަމައަށް އެންމެ ގާތް މިތުރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

ދަ ޑިމޮކްރެޓްސްއިން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙީމް މިހާރު މުސްކުޅިފުޅުވެއްޖެ ކަމަށާއި އެހެންކަމުން ގައުމަށްޓަކައި އެމްޑީޕީގެ މެންބަރުންވެސް މިކަން ދަންނާން އެބަ ޖެހޭ ކަމަށެވެ.

"އަޅުގަނޑު އެމްޑީޕީގެ މެންބަރުންނަށް ތަކުރާރުކޮށް ދަންނަވާލަން ބޭނުން، ތިޔަބޭފުޅުންގެ ރައީސް އަދި ތިޔަބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓް ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރައި ބޭސް ފަރިއްކުޅުއްވާން ޖެހިވަޑައިގަންނަވާ،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހިތުގެ އާލާސްކަންފުޅާއި، ޞިއްޙީ ހާލުކޮޅާމެދު އެމަނިކުފާނުގެ ސަޕޯޓަރުން ވިސްނައި ދިވެހިގައުމަށްޓަކައި އެ ވިސްނުން ކުރިއަށް ނެރޭން އިލްތިމާސްކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ޢުމުރުފުޅުން 56އަށް އެރީ ކަމަށާއި އަދި ރައީސް އިބްރާހީމުގެ ޢުމުރުން މިހާރު 60އަށް އަރަނީ ކަމަށެވެ. ނަމަވެސް ﷲގެ އިރާދަފުޅުން އެމަނިކުފާނު މުށެއްގެ ބޭސް ފަރީއްކުޅުންވާން ނުޖެހޭ ކަމަށާއި، ހިތުގައި އަދި 4 ހޮޅިކޮޅު ލައްވާފައި ނުވާކަމަށާއި އެހެން ކަމުން، ގައުމު ހިންގޭ ވަރުގެ ޒުވާން ޖީލަކަށް ވެރިކަން ކުރުމަށް ފުރުސަތު ދެއްވާން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ވާދަވެރިކަމުގައި މި ދެ މިތުރުން ހަތުރުންނަށް ބަދަލުވެ، ސިޔާސީ ފިކުރުފުޅު ބަދަލުވީ ފަހުންވެސް މިއީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދު ރައީސް އިބްރާހީމުގެ ޞިއްހީ ހާލުކޮޅާ ބެހޭގޮތުން ފާޑުވިދާޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލާން ޖެއެހެވެ.