ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ނެރޭން އެއްބަސްވާ ކެންޑިޑޭޓަކީ އޭނާކަމަށް ނުވާނަމަ ޕާޓީގެ ނިންމުންތަކަށް ބަލައި، ފަހަތަށް ޖެހޭން ޖެހޭނަމަ އެކަން ކުރައްވާނޭކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓް އިލްޔާސް ލަބީ ވިދާޅުވެއްޖެއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު ވިދާޅުވީ، އިދިކޮޅުން ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރޭން ނިންމައި، އަދި އެ ކެންޑިޑޭޓަކީ އޭނާ ކަމުގައި ނުވާނަމަ، ގައުމުގެ ހައްގުގައި އެކަމަށް އިޙްތިރާމްކޮށް ފަހަތަށް ޖެހިވަޑައިގަންނަވާނޭ ކަމަށެވެ.

ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު ބުނާގޮތުން، އެއް ކެންޑިޑޭޓަކު ކުރިމަތި ލައިފި ނަމަ، ކެންޑިޑޭޓު ނަގާނީ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. އެ ވޯޓު ނެގުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.