ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ހުންނެވި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް އިއުތިރާފުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ބޭސްފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށްދޭން ހުށަހެޅި ލިޔުންތައް ދިރާސާކުރަމުން ގެންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ކަރެކްޝަންސް)ން ބުނެފިއެވެ.

ކަރެކްޝަންސުން ބުނީ، އަދީބު ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތު އިތުރުކުރާން ހުށަހެޅީ، ކުރިން ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރީން ކަމަށާއި، އަދި އޭނާ އެކަމަށް އެދި ފޮނުވި ލިޔުންތައް ދިރާސާކުރުމަށް ފަހު މައުލޫމާތު ޢާންމު ކުރާނޭ ކަމަށެވެ.

އަދީބަށް 20 އަހަރުގެ ޖަލުހުކުމެއް އިއްވައި، ދެ މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފައި ވީނަމަވެސް، ރައީސް އިބްރާހީމުގެ ސަރުކާރާއެކު އޭނާ ހެދި ޕްލީބާގެއިން އެއްބަސްވުމަކަށް ފަހު، 2020ގެ ފަހުން އޭނާ ހުންނަނީ ގޭގައެވެ. އަދި މިކަމާގުޅިގެން އޭރު ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެފައި ވަނީ، އަދީބު ގެއަށް ބަދަލުކުރީ ނިދާމެޝިނެއް ބޭނުންކުރާން ޖެހޭތީ ކަމަށެވެ.