ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މާރާމާރީއާއި ހަމަނުޖެހުން ޢާންމުވެފައި އޮތް ވަރުން ކިތަންމެ ދުވަހަކު މަޖިލީހަށް ވަޑައިގަންނަވާއިރު، މަގުމައްޗަށް އެޅިފައި ހުންނަ ލޭ މަތިން ހުރަސްކުރާން ޖެހުނު ކަމަށް މަޖިލީހުގެ ކުރީގެ މެންބަރު، އަދި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

" މަޖިލީހާ ދިމާލަށް އޮންނަ މަގަށް އަލައިލާއިރު ލޭ މަތިން ހުރަސްކޮށްފައި ކިތަންމެ ދުވަހަކު ދާންޖެހޭ،" އެކަމަނާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާއިރު، ރައްޔިތުން އެކަކު އަނެކަކުދެކެ ރުޅިއައިސްގެން ކަޓަރު އަޅައި ކަތިލާފައި ތިބޭ މަންޒަރު ސިފަކޮށްދެއްވަމުން ވިދާޅުވިއެވެ.

"ރައްޔިތުން އެކަކު އަނެކަކު ދެކެ ރުޅިގަދަވެ، ކަތިލާފައި ތިއްބާ، ކަޓަރު އަޅައި މާރާމާރީ ހިންގާ މިކަން އޮތީ އާންމުވެފައި،" ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް އިބްރާހީމުގެ ކެމްޕޭން ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ، ރައީސް އިބްރާހީމްގެ ވެރިކަމުގައި ރައްޔިތުންނަށް އަމާންކަމާ ހަމަޖެހުން ލިބިއްޖެކަމަށާއި އުފާވެރި އަމާން ރާއްޖެއެއްގެ ގޮތުގައި މިތަން ބާއްވަން އަދިވެސް އިބްރާހީމަށް ވޯޓުދޭން ޖެހޭ ކަމަށެވެ.

މާރިޔާ މިހެން ވިދާޅުވި އިރު، ވޭތުވެތިޔަ 5 އަހަރަކީ ރާއްޖޭގައި ގޮތްނޭނގޭ މަރުތަކާއި، މީހުން ގެއްލުމުގެ ހާދިސާއާއި ޖިންސީ އަނިޔާގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި މިނޫންވެސް އިޖްތިމާޢީ އެތަކެއް މައްސަލަތަކެއް އިތުރުވެގެން ގޮސްފައިވާ ފަސް އަހަރެވެ. ނަމަވެސް ގްރޫޕް މާރާމާރީތައް މަދުކަން ފާހަކޮށްލާން ޖެހެއެވެ.