ޚިޔާނާތުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ، ޕްރޮގްރެސިވް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލައި، އެ ކޯލިޝަނުން ބޭއްވި ސައިކަލްބުރުގައި ބައިވެރިވި މީހުންގެ ތެރޭން 14 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ޕީޕީއެމް/ޕީއެންސީ މުޒާހަރާއިން ގިނަބަޔަކު ހައްޔަރުކުރީ، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް، އަދި ގާނޫނާ ޚިލާފަށް މުޒާހަރާކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

 

އިދިކޮޅު ކޯލިޝަނުން ބުނީ، "ރައީސް ޔާމީންގެ މައްޗަށް އިއްވި ހަރާމް ހުކުމާ ދެކޮޅަށް ކުރިއަށްދިޔަ ޞުލްޙަވެރި ސިލްސިލާ އިހުތިޖާޖު ތެރެއިން އެސްއޯ ފުލުހުން މުޒާހިރާގެ ބައިވެރިނަށް ބޮޑެތި އަނިޔާ ތަކެއް ދިނުމައްފަހު ހައްޔަރުކޮއްފި!" ކަމަށެވެ. ‎

ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ވާގޮތުން، ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

 

މީގެ އިތުރުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހަދައި ހިންގާ ގަވާއިދަކީ، ނުވަތަ އުސޫލަކީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގަށް އެކަށީގެންނުވާ ހަނިކަމެއް ގެނެވޭނެ އުސޫލަކަށް ވެގެންނުވާނެ ކަމަށާއި، ގާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ހާލަތެއްގައި މެނުވީ، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަކީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް "ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" ލާޒިމުކުރާ ކަމެކެވެ.