ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ހަމަ ސީދާ ކުރީގެ ރައީސް ޔާމީން ޢަބަދުލްޤައްޔޫމަށް ޚާއްސަ ތަނެކެވެ. ޚާއްސަކޮށް، މިސަރުކާރުގެ ބައެއް އިސްވެރީން ގަބޫލުކުރައްވާ ގޮތުން، "ފޭސް ޓޫ" އިން އެހެން ބަޔަކަށް ޖާގަ ހޯދުމަކީ ދަތި އުނދަގޫ ކަމެކެވެ. ނަމަވެސް، މަންޒަރު ބަދަލުވެއްޖެކަން ޑިފެންސް މިނިސްޓަރު މާރިޔާ ސިފަކުރެއްވީ، ސިހުން އަންނަ ވަރުގެ ބޮޑު ތަރުހީބެއް އެމްޑީޕީއަށް އޮތްކަމަށް ބުނެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކެމްޕޭނުކުރާން އެމްޑީޕީ ކޯލިޝަނުން މިއަދު ވަނީ، ހުޅުމާލެ ފޭސް 2ގައި ޖަގަހައެއް ހުޅުވައިފައެވެ. އަދި، އެތަނަށް އެމްޑީޕީއާއި އަދާލަތު ޕާޓީގެ އިތުރުން ހަތަރުވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީއޭ ހިމެނޭގޮތަށް ގިނަ ޢަދަދެއްގެ މެންބަރުން ޖަމާވިއެވެ.

ޔާމީނުގެ ސަރުކާރުން ހިއްކައި ތަރައްގީކުރި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ "ހިޔާ" ޓަވަރުތައް، އެމްޑީޕީ ސަރުކާރުގެ އިސްވެރީންނާއި އެމްޑީޕީގެ ބައެއް މެންބަރުންވެސް ފުރަތަމަ ސިފަކުރީ "ކޮތަރުކޮށިތަކެއް"ގެ ގޮތުގައެވެ. އަދި ދިރިއުޅޭން ހެޔޮނުވާވަރު ތަނެއްގެ ގޮތުގައި އެތަން ސިފަކޮށް، އާންމުން ވަރަށް ރުޅިގަދަވެފައި ތިއްބައި އެތަން ދޫކުރީވެސް ރައްޔިތުންނަށް ތަކުލީފަކަށް ވާގޮތަށް، ތަނުގެ ފިނިޝިންވެސް ނުހަދައި، ކުލިވެސް ބޮޑުކޮށެވެ. ނަމަވެސް ބޮޑެތި ހޭދަތަކެއް ޖީބުން ކޮށްގެން، އެތަނަށް ހިޖްރަކުރި ގިނަ "ކޮތަރުތަކަކީ" އެމްޑީޕީއަށް ވެސް ނިސްބަތްވާ ފަރާތްތަކެއް ކަމުން، އެމީހުން މާލޭގައި ދިރިއުޅުނު "އަލިފާންފޮށި"ތަކާ އަޅައިކިޔާއިރު، "ކޮތަރުކޮށިތައް" އެތަނަށް ހިޖްރަކުރި މީހުން ސިފަކުރީ "ގަނޑުވަރުތަކެއް"ގެ ގޮތުގައެވެ. ފޭސް ޓޫއިން އެމްޑީޕީގެ ސަރުކާރަށް މާބޮޑު ސަޕޯޓެއް ނެތްކަމަށް ސަރުކާރުގެ އިސްވެރީން ސިފަކުރައްވަނީ ވެސް މިފަދަ ސަބަބުތަކާ ހުރެކަމަށް ވެދާނެއެވެ.

 

ހޮނިހިރު ދުވަހު ފޭސް ޓޫގައި އެމްޑީޕީގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ފޯރިގަދަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ، އެމްޑީޕީއަށް ފޭސް ޓޫގައި ކެމްޕޭންގެ މާބޮޑު މަސައްކަތްތަކެއް ކުރީން ކުރެވިފައި ނެތުމާވެސް އެކު މިފަދަ ބޮޑު ތަރުހީބެއް ދެވަނަ ފިޔަވަހީން ލިބިދާނޭކަމަށް ހީފުޅުކުރައްވާ ކަމަށެވެ.

"މިއަދު އަޅުގަނޑު އައިސް މިތާ ހުއްޓިލީމާ، އަޅުގަނޑު ދިޔައީ ހަމަ ސިއްސައިގެން،" ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތަކަށް ނާރާ ހުޅުމާލޭ ފޭސް ދޭއްގައި، އަޅުގަނޑުމެން ޖަގަހައެއް ހުޅުވާލަން އައިސްގެން، މިފަދަ މަރުޙަބާއެއް ތިބޭފުޅުން އެއްވެސް އެމްޑީޕީ މީހަކަށް ވިދާޅުވެދާނޭކަމަކަށް،"

މާރިޔާ ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ތެރޭގައިވެސް، ސީދާ ފެންނަ ގޮތަށް ފޭސް ޓޫގައި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށެވެ. އަދި ފޭސް ޓޫގައި އެމްޑީޕީއަށް ތާޢީދުހޯދަން ޕާޓީގެ މެންބަރުން މިފަހުން ކުރެއްވީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން މަސައްކަތެެއް ކަމެއް ނޭނގެއެވެ. ޖަގަހައެއް ހުޅުވީ ހެއްޔެވެ؟

ކުރީންވެސް ފާހަގަކުރިހެން ރައީސް ޔާމީނަށް ހުޅުމާލޭގައި އޮތް ތާޢީދު އަނބުރާލަން ކުރާން ޖެހޭ މަސައްކަތަކީ ބުރަ މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެއީ ޔާމީން ސަރުކާރުން ހުޅުމާލެއަށް ވަރަށް ބޮޑަށް އަޅާލާފައިވާތީ ކަމަށް ވެދާނެއެވެ. އެކަން އެތަނަށް ދާ ކޮންމެ މީހަކަށް މާލެއިން ގޮސް ސިނަމާލެ ބްރިޖަށް އެރުމަށްފަހު، ހަރުފަތަކަށްފަހު ހަރުފަތެއްގެ ގޮތަށް ފެންނާނެއެވެ. އެހެންކަމުން ހުޅުމާލޭ ރައްޔިތުންނަށް ރައީސް ޔާމީނުވަރެއް ނެތީ ކަމަށް ވެދާނެއެވެ.

މާރިޔާ ވިދާޅުވީ، "ބައެއްގެ ފިކުރު، ބައެއްގެ ވިސްނުން، އެމީހުންނަށް ހަމަ ވިސްނައިދީ، އެވިސްނުން އެހުރި ގޮތް ނޫން އެހެންގޮތަކާ ދިމާލަށް ފިރުކާލުމަށް މަސައްކަތްކުރުމަކީ، ބުރަ އުނދަގޫ ކަމެއްކަން އަޅުގަނޑުމެން އެންމެނަށްވެސް އިހްސާސް ކުރެވޭ،" ކަމަށެވެ.

މާރިޔާއަށް ސިހުންގެނުވާ ވަރުގެ ތަރުޙީބެއް ލިބުނުކަމަށް އެކަމަނާ ވިދާޅުވީ، މިއަދު ގިނަ ބަޔަކު ޖަގަހަ ހުޅުވުމުގެ ޖަލްސާއަށް ހާޒިރުވެފައި އޮތުމުންނެވެ. މިއަދު އެތަނަށް ގިނަބަޔަކު އެއްވެފައި އޮތުމުންނެވެ. އެކަމަނާއަށް ފެނިވަޑައިގަތީ ކުރީން ނުފެންނަވަރުގެ ބޮޑު ތަރުހީބެއް ޖަގަހަ ސަރަހައްދުން ލިބުނުތަނެވެ.  

ނަމަވެސް، ފޭސްޓޫގައި ދިރިއުޅޭ ގިނަ ރައްޔިތުން ދަނީ މިހާރުވެސް ސަރުކާރުން ކަންތައްކުރާ ގޮތާ މެދު ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ. ޚާއްސަކޮށް، އެތަނުން ފްލެޓް ލިބި، އެތަނުގައި ދިރިއުޅޭ މާލެއަށް ނިސްބަތްވާ ގިނަ ބަޔަކު ތިބީ، ފްލެޓް ލިބުނަތީ، ގޯއްޗަށް ކުރިމަތި ނުލެވޭ ޝަރުތާއެކު ސަރުކާރު ދެކެ ވަރަށް ބޮޑަށް ރުޅިގަދަވެފައެއެވެ. އަދި ބޮޑު އަގުގައި ހިޔާ ފްލެޓް ލިބުނު ގިނަ ބަޔަކު ދަނީ، ހިލޭ ބަހައިލާ ގޯތިތައް ދޫކުރާ ދުވަހުން ފެށިގެން ފްލެޓުގެ ކުލިދެއްކުންވެސް ހުއްޓައިލާން ޖެހޭނޭ ކަމަށް ބުނަމުންނެވެ.

ހިޔާ ފްލެޓްވެރީންގެ ހިތް ރުއްސުމަށް ސަރުކާރުން މިފަހަކަށް އައިސް މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ކުލި ދައްކާން އޮތް މުއްދަތު ދަންމާލައި، މަހެއްގެ މައްޗަށް ދައްކާން ޖެހޭ އަދަދު ކުރިއަށް އޮތް 7 އަހަރު ތެރޭ ކުޑަވާނޭ ފޯމިއުލާއެއް ވެސް ހޯދިއެވެ. ނަމަވެސް ސުވާލަކީ، ހަމަ ހަގީގަތުގައިވެސް ހުޅުމާލޭ ރައްޔިތުންގެ ތަރުހީބު ހޯދާން އެއީ ހައްގުމިންވަރު ކަމަށް ކަނޑައަޅާންވީތޯއެވެ. އަދި އެފަދަ ކަމަކާ ހުރެ އެވަރުގެ ތަރުހީބެއް މި ސަރުކާރަށް ފޭސް ޓޫއިން ލިބިދާނެބާއެވެ.

ލިބިދާނެއެވެ. އެކަމަކު އެގޮތަށް ރައްޔިތުން ރުއްސާނޭ ފޯމިއުލާއެއް އަދި މިދާގޮތުން އޮތްކަމަކަށް ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ.