އެމްޑީޕީން ވަކިވި މެންބަރުންތަކެއް ގުޅިގެން އަލަށް އުފެއްދި ސިޔާސީ ޕާޓީ، "ދަ ޑިމޮކްރެޓްސް"އިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް އެޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅުއްވާފައި ވަނީ، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެކަނިކަމަށް އެޕާޓީން ބުނެފިއެވެ.

އެންމެ ފުރަތަމަ ބެލެވުނު ގޮތުގައި، ކުރީގެ ރައީސް ނަޝީދު، ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެއެވެ. ނަމަވެސް އެމަނިކުފާނު ވަނީ، އެކަމަށް އެއްވެސް ޝައުގުވެރިކަމެއް މިވަގުތު އަދި ނެތްކަމަށް ވިދާޅުވެ، އިދިކޮޅު ހުރިހާ ސިޔާސީ ފިކުރެއް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ވެރިކަމުން ދުރުކުރާން މަސައްކަތްކުރާން ޖެހޭކަމަށް ވިދާޅުވެފައެވެ.

 

ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކަށް ދީފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:00އެވެ. އެ ވަގުތާ ހަމައަށް ފޯމު ހުށަހެޅުއްވީ އިލްޔާސް އެކަންޏެވެ. އޭނާ ފޯމު ހުށަހެޅުއްވީ މިއަދު މެންދުރު ފަހު 13:00ގައެވެ.

ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު ބުނާގޮތުން، އެއް ކެންޑިޑޭޓަކު ކުރިމަތި ލައިފި ނަމަ، ކެންޑިޑޭޓު ނަގާނީ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ.