ޤާނޫނުއަސާސީގެ 110 ވަނަ މާއްދާއާއި، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، ބާއްވަންޖެހޭ ރިޔާސީ އިންތިޚާބު، 2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އިންތިޚާބަށް ކުރިމަތިލުމަށް ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސްއިން ހޮނިހިރު ދުވަހު ކުރި ޢިއުލާނުގައި ވަނީ، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި "ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، 2023 ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2023 އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލައިފި" ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ތަކެތި ބަލައިގަންނާނީ 2023 ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް ކަމަށާއި ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގައި ހުންނާންޖެހޭ ޝަރުޠުތައް:

  • ހ- ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.
  • ށ- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  • ނ- ޢުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  • ރ- ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.
  • ބ- އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ޚަލާޞްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.
  • ޅ- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން.  

     

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަރާތަކީ ޕާޓީއެއްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ނަމަ ޕާޓީގެ މައުލޫމާތު ހުށަހަޅާން ޖެހޭއިރު، އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުން، ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ހުށަހަޅާ 1500 މީހުންގެ މަޢުލޫމާތު ހުށަހަޅާން ޖެހެއެވެ. މީގެ އިތުރުން ކެންޑިޑޭޓުންގެ އިދާރީ ފީގެ ގޮތުގައި -/100,000 (އެއްލައްކަ) ރުފިޔާ ދައްކާން ޖެހެއެވެ.