ހއ. އިހަވަންދޫއާއި، ހއ. މާރަންދޫއާއި، ހއ. ތަކަންދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ތިލަދުންމައްޗަށް ރައީސް އިބްރާހީމް މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭނުގެ ތެރޭން ބުރާސްފަތި ދުވަހު އެމަނިކުފާނު ވަނީ އިހަވަންދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވާފައެވެ. މި ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ފުޓުބޯޅަ ދަނޑެކެވެ.

މީގެ އިތުރުން ހއ. މާރަންދޫއަށް ވަޑައިގެން އެރަށުގެ ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވާފައިވެއެވެ. މި އޮފީސް ޢިމާރާތަކީ އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް، ޒަމާނީ އޮފީސް ޢިމާރާތެކެވެ. މާރަންދޫ ފެނަކަ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު، އެމަނިކުފާނު ވަނީ ހއ. ތަކަންދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓުވެސް ހުޅުއްވައި ދެއްވާފައެވެ.

ރައީސް ޞާލިހު ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ ކެމްޕޭން ތެރޭން، އެމަނިކުފާނު ގެންދަވަނީ އަތޮޅުތެރޭގައި މި ސަރުކާރުން ހިންގާފައިވާ މިފަދަ ބިޔަ މަޝްރޫއުތައް އިފްތިތާހުކުރައްވަމުންނެވެ.