ޑިޖިޓަލް ސަރުކާރުގެ ނިޒާމެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސަރުކާރުން ތަރައްގީކުރަމުން އަންނަ "ޖެމްސް ވަރކްސްޕޭސް" ބައެއް މުއައްސަސާތަކުން ރަސްމީކޮށް ބޭނުންކުރާން ފަށައިފިއެވެ.
ބުރާސްފަތި ދުވަހު ރައީސް އޮފީހުން ބުނީ، "ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" ގެ ބަދަލުގައި، މިހާރު ބޭނުންކުރަމުންދާ "ޖެމްސް ވަރކްސްޕޭސް" ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށް ކަމަށެވެ.
3 މަރުޙަލާއަށް ބަހައިލައިގެން "ޖެމްސް ވަރކްސްޕޭސް" ތަންފީޒުކުރުމަށް ހަމަޖެހިފައިވާއިރު، މި މަރުހަލާތައް ނިމިގެންދާއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
"ޖެމްސް ވަރކްސްޕޭސް" ރަސްމީކޮށް ބޭނުންކުރާން ފަށާފައި މިވަނީ:
- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް،
- މިނިސްޓްރީ އޮފް ހޯމް އެފެއާޒް،
- މިނިސްޓްރީ އޮފް އެޑިޔުކޭޝަން،
- މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން،
- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،
- ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،
- ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
- ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ،
- މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ،
- އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
އެހެންކަމުން އެ ތަންތަނަށް އަމިއްލަ ފަރުދުން ހުށަހަޅާ ކަންކަމަށް މިވަގުތު ވެސް ޖަވާބު ދިނުމަށް "ޖެމްސް ވަރކްސްޕޭސް" ބޭނުންކުރާން ރައީސް އޮފީހުން ވަނީ އަންގައިފައެވެ.