ބުރާސްފަތި ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ޕްރޮގްރެސިވް ކޮންގްރެސްއިން ކުރިއަށް ގެންދިޔަ ސުލްހަވެރި އިހްތިޖާޖު ކަވަރުކުރާންގޮސް ތިބި ނޫސްވެރީންނަށް އަނިޔާކުރި ފުލުސް މީހާ މަސައްކަތަށް ނުނިކުމެވޭގޮތަށް ސަސްޕެންޑްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފާއިވާގޮތުން، ގްރީން ޒޯނުގައި އިހްތިޖާޖު ކަވަރުކުރާން ގޮސްތިބި ބައެއް ނޫސްވެރީންނާ މެދު އަނިޔާވެރިކޮށް އަމަލުކުރި ފުލުސް އޮފިސަރު ވަނީ، ތަޙުގީޤު ނިމެންދެން ފްރޮންޓްލައިން މަސައްކަތައް ނުނެރެ އެކަހެރިކޮށްފައެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުން އެސަރައްދުގައި ތިބި ނޫސްވެރީން ސަރަހައްދުން ދުރަށް ދިއުމަށް ފުލުހުން އެދެއެވެ. އިރިކޮޅަކުން ކައިރީގައި ހުރި ފުލުހަކު ކެމެރާމަން މިސްބާހު ކޮއްޕާލައެވެ. މިސްބާހު ކޮއްޕާލުމާ އެކު، އޭނާ ކައިރީގައި ހުރި ނޫސްވެރިޔާ މާހަތު ހުސެއިންގެ ގައިގައި ޖެހި، ދެ މީހުން އެއްކޮށް ބިންމައްޗަށް ވެއްޓެއެވެ.

🎥 ޚަބަރާ ގުޅޭ ވީޑިއޯ ▶️ 

ނޫސްވެރީންނަށް ގާނޫނާ ގަވާއިދުގެ ތެރޭން މިނިވަންކަމާއެކު އެފަރާތްތަކުގެ ޒިންމާ އަދާކުރާން ހުރަސްއެޅުމަކީ ގާނޫނުއަސާސީން ލިބިދޭ ޙައްޤަކަށް އަރައިގަތުމެވެ. އެއީ ހަމަ އެ ޤާނޫނުއަސާސީން ބާރުލިބިދޭ އެހެން ފަރާތެއް ކަމުގައިވީ ނަމަވެސްމެއެވެ.

މިފަދަ ގާނޫނާ ޚިލާފު ޢަމަލުތައް، ގާނޫނު ނަގަހައްޓައި ދަމަހައްޓާން ހުވާކޮށްގެން ތިބި ފަރާތްތަކުން ހިންގުމަކީ ވަރަށް ހިތާމަހުރިކަމެކެވެ. ނޫސްވެރީންނާއި އެކިފާރާތްތަކުން ދަނީ، ފުލުހުންގެ ފަރާތުން މިއަދު ހިންގި ދަށުދަރަޖައިގެ އަނިޔާވެރި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމުންނެވެ.