ޕްރޮގްރެސިވް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، ބުރާސްފަތި ދުވަހު ހަވީރު ޖުމްހޫރީ މައިދާނަށް އެއްވި އިދިކޮޅު ލީޑަރުން ހައްޔަރުކޮށްފިއެވެ.

ކޮންގްރެސްގެ ލީޑަރުން އިހްތިޖާޖުކުރި ސަރަހައްދަކީ ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ. މިއީ، ސިޔާސީ އެއްވުންތައް ބޭއްވުން މަނާ ސަރަހައްދެކެވެ.

ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމާއި، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދާއި، ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާޢުއާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމްޝަރީފު ޢުމަރާއި، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤުގެ އިތުރުން މާލެ ސިޓީގެ ކައުންސިލަރ އަދި ޕީޕީއެމްގެ ސެނެޓަރ، އަޙްމަދު އައިފާންވެސް ހިމެނެއެވެ.

ހައްޔަރުކުރި މަޖިލިސް މެންބަރުންގެ މައުލޫމާތު ފުލުހުން ވަނީ، ރައްޔިތުންގެ މަޖިލީހާވެސް ހިއްސާކޮށްފައެވެ.