އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން 11 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ އިދިކޮޅު ސިޔާސީ ލީޑަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، ބުރާސްފަތި ދުވަހު ޖުމްހޫރީ މައިދާނުގައި ޕްރޮގްރެސިވް ކޮންގްރެސްއިން ކުރިއަށް ގެންދިޔަ ސުލްހަވެރި އިހްތިޖާޖު ކަވަރުކުރާންގޮސް ތިބި ނޫސްވެރީންނަށް އެ ސަރަހައްދުގައި ޚަރަކާތްތެރިވި އެސްއޯ ފުލުހުން އަނިޔާކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު، ކޮންގްރެސްގެ ލީޑަރުން އިހްތިޖާޖުކުރި ސަރަހައްދަކީ ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ. މިއީ، ސިޔާސީ އެއްވުންތައް ބޭއްވުން މަނާ ސަރަހައްދެކެވެ. ނަމަވެސް މިއީ، ސިޔާސީ ޚަރަކާތްތައް ކަވަރުކުރާން ނޫސްވެރީންނަށް ވަނުން މަނާ ސަރަހައްދެއް ނޫނެވެ. އެހެންކަމުން ނޫސްވެރީން ދިޔައީ ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން އެފަރާތްތަކުގެ ޒިންމާ މިނިވަންކަމާއެކު އަދާކުރުމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަގޮތުން، ގިނަ ޢަދަދެއްގެ ފޮޓޮގްރާފަރުންނާއި ކެމެރާމަނުންނާއި ނޫސްވެރިން އެތަނުގައި ހަރަކާތްތެރި ވަނިކޮށް، އެސްއޯ ފުލުހުން ވަނީ އޭގެތެރޭން ބައެއް ނޫސްވެރީން ކޮއްޕާ ވައްޓާލައިފައެވެ. އެ ހާދިސާގައި ބައެއް ނޫސްވެރީންނަށް އެކިވަރުގެ އަނިޔާތައްވެސް ވަނީ ލިބިފައެވެ.

ނޫސްވެރީންނަށް ގާނޫނާ ގަވާއިދުގެ ތެރޭން މިނިވަންކަމާއެކު އެފަރާތްތަކުގެ ޒިންމާ އަދާކުރާން ހުރަސްއެޅުމަކީ ގާނޫނުއަސާސީން ލިބިދޭ ޙައްޤަކަށް އަރައިގަތުމެވެ. އެއީ ހަމަ އެ ޤާނޫނުއަސާސީން ބާރުލިބިދޭ އެހެން ފަރާތެއް ކަމުގައިވީ ނަމަވެސްމެއެވެ.

މިފަދަ ގާނޫނާ ޚިލާފު ޢަމަލުތައް، ގާނޫނު ނަގަހައްޓައި ދަމަހައްޓާން ހުވާކޮށްގެން ތިބި ފަރާތްތަކުން ހިންގުމަކީ ވަރަށް ހިތާމަހުރިކަމެކެވެ. ދިވެހި ނޫސްވެރީންނާއި އެކިއެކި ފަރާތްތަކުން ދަނީ، ފުލުހުންގެ ފަރާތުން މި ހިންގި ދަށުދަރަޖައިގެ އަނިޔާވެރި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމުންނެވެ.

🎥 ޚަބަރާ ގުޅޭ ވީޑިއޯ ▶️