އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަނޑައަޅާން އެ ޕާޓީން ޖުލައި 28ގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާންނޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ އިލްޔާސް ޑި މޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭކަން ޢިއުލާނުކުރައްވާފައި މިވަނީ، އެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

"ދަ ޑިމޮކްރެޓްސްގެ ލޮބުވެތި މެމްބަރުންނަށް، 2023ގެ ރިޔާސީ އިންތިޚާބުގައި މިޕާރޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް މާތްاللهގެ ވާގިފުޅާއެކު އަޅުގަނޑު ގަސްދުކުރާ ވާހަކަ ދެންނެވީމެވެ. މެންބަރުންގެ ތާއީދަށް އެދެމެވެ." އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވއެވެ.

ބުރާސްފަތި ދުވަހު ޑިމޮކްރެޓްސް އިން ކުރި އިޢުލާނުގައި ވަނީ، "މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާޕްރައިމަރީ 28 ޖުލައި 2023 ވާ ހުކުރު ދުވަހުގެ 14:00 އިން 18:00އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައި" ކަމަށެވެ.

އެގޮތުން މި ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެބޭފުޅެއްގެ ވަނަވަރާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، ހ. މައިޒާންދޮށުގޭ 10ވަނަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ މައި އިދާރާއަށް، ނުވަތަ [email protected] އަށް އީމެއިލްކުރުމަށް ވަނީ އެދިފައެވެ. މިކަނަށް ދީފައިވާ ސުންގަޑިއަކީ، 22 ޖުލައި 2023ގެ 16:00އެވެ.