ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި މައްސަލައަކާ ގުޅިގެން އެ ގައުމުގެ ހައިކޯޓަކުން އިއްވާފައިވާ ހުކުމާ އެއްގޮތަށް ހިލްޓަންއަށް ދައްކާން ޖެހޭ ފައިސާ ނުދައްކައިގެން ސިންގަޕޫރުގައި ޕާސްޕޯޓް ހިފަހައްޓާފައިވާ ދިވެހި ވިޔަފާރި ވެރިޔާ، އަދި ޤާނޫނު ހަދާ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ ޙައްޤުގައި ދިވެހި ޚާރިޖިއްޔާއިން ސިންގަޕޫރު ސަރުކާރަށް ކުއްލި ސިޓީއެއް ފޮނުވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ހޮވާން ސަރުކާރާ އިއްތިހާދުވެފައިވާ އެމްޑީއޭގެ ލީޑަރު ސިންގަޕޫރަށް ވަޑައިގަތުމުން އޭނާ އެގައުމުން ފުރުން މަނާކޮށް ފާސްޕޯޓް ހިފަހައްޓައިފައި ވަނީ މިދިޔަ ހޯމަދުވަހުއެވެ. ރައީސް އިބްރާހީމްގެ ކެމްޕޭން ދަތުރުތަކުގައި އުޅުއްވަމުން، ސިޔާމް ސިންގަޕޫރަށް ވަޑައިގަތީ، އެގައުމުގެ ހައިކޯޓުގައި ހިނގަމުންދާ ޝަރީޢަތެއްގެ އަޑުއެހުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ނ. އަތޮޅުގައި ސަން ސިޔާމް ގްރޫޕުން ތަރައްގީކޮށް ހިންގާ އިރުފުށި ރިސޯޓް ހިލްޓަންއަށް ދިން އެއްބަސްވުން 2013ގައި ބާތިލުކުރުމުގެ ސަބަބުން، ހިލްޓަންއިން އެމައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅުމުން، އާބިޓްރޭޝަނުން މައްސަލަ ބަލައި، ހިލްޓަނަށްއަށް 24 މިލިއަން ޑޮލަރު ދިނުމަށް ސަންގެ މައްޗަށް އަމުރު ކުރިއެވެ. ނަމަވެސް އެ އަމުރާ އެއްގޮތަށް އަމަލު ނުކުރާތީ ހިލްޓަންއިން އެ މައްސަލަ ސިންގަޕޫރޫގެ ހައިކޯޓަށް ހުށަހެޅީއެވެ.

 

ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓުމާ ގުޅިގެން، ދިވެހި ޚާރިޖިއްޔާގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ ހުމައިދު ސޮއިކުރައްވައި، ސިންގަޕޫރަށް ފޮނުވި ސިޓީގައި ވަނީ، ސިޔާމަކީ ރާއްގެ ހަތަރު ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ކަމަށާއި، މަޖިލީހުގެ ރައީސް ނެތް ޙާލަތެއްގައި އެމަގާމު ފުރުއްވާން ހުންނެވި ބޭފުޅެއް ކަމަށާއި، އަދި އޭނާއަކީ، ދެކުނު ކޮރެއާއާއި ރޫމޭނިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި އޮނަރަރީ ކޮންސުލްގެ މަގާމްވެސް ފުރުއްވަމުން ގެންދަވާ، އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވާތީ ރައީސް އެވޯޑު ދެއްވާފައިވާ، ފަތުރުވެރިކަމުގެ ދާއިރާގައި ހުންނެވި އެންމެ ޒުވާން އެއް ވިޔަފާރިވެރިޔާ ކަމަށާއި ހަރުދަނާ ޝަޙުޞިއްޔަތެއްކަން ބުނެދޭން މަސައްކަތް ކޮށްފައެވެ.

ސަރުކާރުން މިފަދަ ސިޓީއެއް ފޮނުވުމުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ހުކުމާ އެއްގޮތަސް ފައިސާ ނުދައްކައިގެން، ސިންގަޕޫރުގައި ކުރިއަށްދާ މައްސަލައެއްގެ ތެރެއަށް ސަރުކާރުން ވަންނާން ޖެހުނު ސަބަބެއް ޚާރިޖިއްޔާއިން ހާމައެއް ނުކުރެއެވެ.