ސަން ސިޔާމް ގްރޫޕްގެ ޗެއަރމަން އަދި މެނޭޑިންގ ޑިރެކްޓަރ އަހްމަދު ސިޔާމް މުޙައްމަދު ސިންގަޕޫރަށް ވަޑައިގަތުމުން އެގައުމުން ސިޔާމްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބޭގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ސިޔާމްގެ ޕާސްޕޯޓު ސިންގަޕޫރުގައި ހިފަހައްޓާފައިވަނީ، ނ. އަތޮޅުގައި ސަން ސިޔާމް ގްރޫޕުން ތަރައްގީކޮށް ހިންގާ އިރުފުށި ރިސޯޓް ހިލްޓަންއަށް ދިން އެއްބަސްވުން 2013ގައި ބާތިލުކުރުމުގެ ސަބަބުން، ހިލްޓަންއިން އެމައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅުމުން، އާބިޓްރޭޝަނުން މައްސަލަ ބަލައި، ހިލްޓަނަށްއަށް 24 މިލިއަން ޑޮލަރު ދިނުމަށް ސަންގެ މައްޗަށް ކުރި އަމުރުކުރާ ގުޅިގެންނެވެ.

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ކެމްޕޭނުގައި އުޅުއްވަމުން މިދިޔަ ހޯމަ ދުވަހު ސިޔާމް، ސިންގަޕޫރަށް ވަޑައިގެންފައި މި ވަނީ، ހިލްޓަން މައްސަލަ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަސް ތެރޭގައި ފައިސާ ދައްކަން އަންގާފައި އޮއްވާކަމަށް ވެއެވެ.

ސިޔާމަކީ މިހާރު ރައީސް އިބްރާޙީމް ދެވަނަ ދައުރަކަށް ރައީސް ކަމަށް އިންތިޚާބުކުރުމަށް އެމްޑީޕީއާ އިއްތިހާދުވެފައިވާ، ދެ ޕާޓީގެ ތެރޭގައި ހިމެނޭ، އެމްޑީއޭގެ ލީޑަރުވެސްމެއެވެ.