ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނުގެންގުޅުއްވާ މޭރުމުން ރައީސް ނަޝީދު އަނެއްކާވެސް ވާހަކަފުޅުދައްކަވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް، ރައީސް މުޙަމަދު ނަޝީދާއި ޤާސިމް އިބްރާހީމާއި، ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް ހިމެނޭގޮތަށް ތިން ޕާޓީގެ ލީޑަރުން ބުދަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމަށްފަހު މީޑިއާއާ ބަދައްލުކުރެއްވުމުން، ނޫސްވެރިޔަކު، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުރިތޯ ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ "ނޫން، ނެތް" ކަމަށެވެ.

ރައީސް ނަޝީދަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން، އެމަނިކުފާނު އެމްޑީޕީން ވަކިވެވަޑައިގަތުމުގެ ކުރީން އިއުލާނުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމަނިކުފާނަށް ތާޢީދުކުރާ ފަރާތްތަކުން އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް އިން ވަނީ ވަރަށް އަވަހަށް އެޕާޓީން ރިޔާސީ ޕްރައިމަރީއެއް ބާއްވާނޭކަމަށް ވެސް ބުނެފައެވެ. ނަމަވެސް، ރައީސް ނަޝީދު މީގެ ކުރީންވެސް ވިދާޅުވެފައި ވަނީ، ރައީސް އިބްރާހީމްގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވައި އެހެން ކެންޑިޑޭޓަކަށް ތާޢީދުކުރެއްވުން ކަމަށެވެ.