ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިގައުމުން ބޭރު ނުކުރެވޭ ފަދަ ޑީލެއް ޤަބޫލުނުކުރައްވާނޭ ކަމަށް ޖަމްޢިއްޔަތުއް ސަލަފްގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގިނަ ބައެއްގެ ލޯތްބާއި މަޤްބޫލުކަން ހޯދާފައިވާ، ކުރީގެ ފަންނާނު، އަދި މިހާރު ރާއްޖޭގައި އިސްލާމްދީނުގެ ޝިޢާރުތައް ކުރިއެރުވުމަށް ގިނަމަސައްކަތްތަކެއް ކުރައްވާ ޢަލީ ވިދާޅުވީ، "އިންޝާﷲ، މިޤައުމުގައި ތިބި އިންޑިއާ ސިފައިން ބޭރު ނުކުރެވޭނެ އެއްވެސް ޑީލެއް، އަހަރެމެން ޤަބޫލެއް ނުކުރާނަން،" ކަމަށެވެ.

" ބޮޑުކީސް އަޅާފައި މެދުން ކީހާލިޔަސް، އަޅުވެތިކަމަށް ރުހެވޭނެ އެއްވެސް ގޮތެއް ނެތް،" ބުދަ ދުވަހު އޭނާގެ ޓްވިޓަރ އެކައުންޓުގައި ޢަލީ ލިޔުއްވާފައިވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި، ގިނަ ޢަދަދެއްގެ އިންޑިއާ ސިފައިން ގާއިމުވެގެން ތިބިކަމުގެ ތުހުމަތާއެކު އިދިކޮޅު ފަރާތްތަކުން ދަނީ، އެކަން ކުށްވެރިކޮށް، އަދި އިންޑިއާ ސިފައިން އެގޮތަށް ރާއްޖޭގައި ތިބޭން ޖާގަ ނުދޭނޭކަމަށް ގޮވާލައި އިހްތިޖާޖުކުރަމުންނެވެ.

 ނަމަވެސް، މީޑިއާތަކުންނާއި އަދި އިދިކޮޅު ފަރާތްތަކުންވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކުރާން އެދުމުން ސަރުކާރުން ވަނީ، އެއީ ދެވެން ނެތް މައުލޫމާތެއް ކަމަށްބުނެފައެވެ. އަދި އިންޑިއާ ވެސް، އެހެން ގައުމެއްގެ އަސްކަރިއްޔާވެސް ރާއްޖޭގައި އެގޮތަށް ބޭސްވެގެން ނުތިބޭނެ ކަމަށް ބުނެފައެވެ.