ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހއ. މޮޅަދުއަށް ވަޑައިގެން އެރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު ބުދަ ދުވަހު މޮޅަދުއަށް ވަޑައިގަތީ، ތިލަދުންމަތީ ރަށްތަކަށް ކުރައްވާ ރިޔާސީ ކެމްޕޭންގެ ތެރޭންނެވެ.

މޮޅަދޫގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރި މި ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުރެއެވެ.

ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައެވެ. އަދި އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު ހަވީރު އިންޖީނުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މިއަދު ހުޅުވި އިންޖީނުގެއަކީ މޮޅަދޫގައި ކުރިން ހުރި އިންޖީނުގެއަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށް ހަދާފައިވާ އިންޖީނުގެއެކެވެ. އަދި އޮފީސް އިމާރާތުގައި ކުރިން މަސައްކަތް ކުރުމަށް 4 މުވައްޒަފުންނަށް ތިބެވޭއިރު މިހާރު 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.