ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހއ. އުލިގަމަށް ވަޑައިގެން އެރަށުގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވައި އެރަށުގެ އިންޖީނުގެއާ ފެނަކަ އޮފީސްއިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

މިކަންކަން ކުރެއްވީ، ތިލަދުންމަތީ ރަށްތަކަށް ރައީސް އިބްރާހީމް ކުރައްވާ ރިޔާސީ ކެމްޕޭންގެ ތެރޭން، ބުދަ ދުވަހު އުލިގަމަށް ވަޑައިގެންނެވެ.

އުލިގަމު ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައި ވަނީ ސްޓެޓިކް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އުލިގަމު ފެނަކަ އޮފީސް އިމާރާތާއި އާ އިންޖީނުގެއަކީ ޖާގަތަނަވަސް އަދި ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ އެރަށުގެ އާ އިންޖީނުގެއިން މިހާރު 458 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭނެކަމަށް ރައީސް އޮފީހުން ބުނެއެވެ.