ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމުމަކަށް ގެންނާން އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށްވާ ނަމަ، އެމަނިކުފާނުގެ ޕްރޮގްރެސިވް ކޯލިޝަނުން އޮތީ ޕާޓީތަކާ އިއްތިހާދުވާން ތައްޔާރަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރެ، ރައީސް އިބްރާހީމްގެ ވެރިކަން ނިމުމަކަށް ގެންނާން، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ބުދަ ދުވަހު ވަނީ، މަޝްވަރާބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާއި، އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމާއި، ޑިމޮކްރެޓްސްގެ މެންބަރު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް  ވިދާޅުވީ، ޕާޓީތަކުގެ މެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހުރިހާ އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓެއް ހޯދުމަށް ކަމަށާއި، އުސޫލެއްގެ ގޮތުން މިވެރިކަން ނިންމަން ކުރިއަށްދާން އޮތް އެންމެ ރަނގަޅު ގޮތަކީ ވެސް މިއީ ކަމަށެވެ. މިކަމުގައި މިހާރު ގޮތެއް ނިންމުން އޮތީ، ޕީޕީއެމްއާ އެމްއާރ އެމްއާ މަޝްވަރާކުރުމަށް ފަހުއެވެ.

މި ބައްދަލުވުމާ ގުޅިގެން މީޑިއާތަކުން ޕްރޮގްރެސިލް ކޯލިޝަންގެ ނިންމުމަކީ ކޮބައިތޯ ކުރާ ސުވާލުގެ ޖަވާބުގައި އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، "އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ޕާޓީތަކުން އެއްބަސްވެވަޑައިގަންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސުމަކީ މި ޕާޓީން އެދޭގޮތް" ކަމަށެވެ.

ރައީސް އިބްރާޙީމްގެ ވެރިކަން ނިންމަން ޕާޓީތަކުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށާއި އެކަމަށް ޝުކުރު އަދާކުރަމުން ޕްރޮގްރެސިވް ކޯލިޝަނުން ބުނީ، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕޭން ވަރަށް ފޯރިއާއެކު ކުރިއަށް އެބަ ގެންދާ ކަމަށެވެ.