ޕްރޮގްރެސިވް ކޯލިޝަނުން އެއްބަސް ވާނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރެ، ރައީސް އިބްރާހީމްގެ ވެރިކަން ނިމުމަކަށް ގެންނާން، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ އަދި ދަ ޑިމޮކްރެޓްސްއިން އެއްބަސްވެއްޖެއެވެ.

ރައީސް މުޙަމަދު ނަޝީދާއި ޤާސިމް އިބްރާހީމާއި، ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް ހިމެނޭގޮތަށް ތިން ޕާޓީގެ ލީޑަރުން ވަނީ ޖޭޕީގެ މައި ހަރުގެ، މ. ކުނޫޒުގައި ބައްދަލުކުރައްވައިފައެވެ. އަދި ބައްދަލުވުމަށް ފަހު މީޑިއާތަކާ ބައްދަލުކުރައްވައި، ތިން ބޭފުޅުންވެސް ވިދާޅުވީ، ރައީސް އިބްރާހީމްގެ ވެރިކަން ނިންމާން، ޕީޕީއެމް ކޯލިޝަނާއި ރައީސް މައުމޫނުގެ އެމްއާރްއެމް އިން އެއް ކެނޑިޑޭޓަކަށް ތާޢީދުކުރާ ނަމަ، އެގޮތަށް ކުރިއަށްދާން އެއްބަސްވެވިފައިވާ ކަމަށެވެ.

ކުރިއަށް އޮތްތާނގައި އެކުގައި ސިޔާސީ މަސައްކަތްކުރާން ޖޭޕީން މީގެ ކުރީން ވަނީ އެމްއެންޕީއާއެކު ވެސް މަޝްވަރާތަކެއް ފަށައިފައެވެ. އަދި އެ ކާމިޔާބު މަޝްވަރާތަކަށް ފަހު، ބުދަ ދުވަހު މިވަނީ ދަ ޑިމޮކްރެޓްސްއާއެކު ބައްދަލުކޮށް، ފަހު ބަސް ބުނާން ރައީސް ޔާމީންގެ ޕްރޮގްރެސިވް ކޯލިޝަނަށް ދައުވަތު ދީފައެވެ.

ރައީސް ނަޝީދާއި، ޤާސިމާއި އަދި ނާޒިމަކީވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިޢުލާނުކޮށްފައިވާ ތިން ބޭފުޅުންނަށްވާއިރު، ޕްރޮގްރެސިވް ކޯލިޝަނުން އަބަދުވެސް ބުނަމުންދަނީ، އެ ކޯލިޝަނުން އިތުރު ފަރާތަކަށް ތާއީދު ނުކުރާނޭ ކަމަށާއި އެ ކޯލިޝަންގެ ހަމަ އެކަނި ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.