ސިޔާސީ މަންފާއަށް ހަރުކަށި ފިކުރަށް ހިތްވަރު ދީ މުސްލިމުން ކާފަރުކުރަމުން ދިއުމަކީ ޤައުމަށް އޮތް ނުރައްކަލެއް ކަމަށާއި އެކަން ހުއްޓައިލުމަށް ދީނީ ޢިލްމްވެރިޔާ ޝެއިޚް އިލްޔާސް ގޮވާލައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ދެވަނަ ދައުރަކަށް ހޮވުމަށް އިއްތިހާދުވެފައިވާ އަދާލަތު ޕާޓީއަށާއި އަދި ދީނީ ފަތުވާ މަޖިލީހަށް ވެސް ނިސްބަތްވެވަޑައިގަންނަވާ ޝެއިޚް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ފަހަކަށް އައިސް ޢަދާލަތު ޕާޓީ އާ  ސަރުކާރާ ދެކޮޅަށް ތަކްފީރީ ވިސްނުންތަކުގެ ފަރުދުން އެބަ ކުރިއަށްނެރޭ،" ކަމަށެވެ.

އިލްޔާސް ވިދާޅުވީ، "ސިޔާސީ މަންފާއަށް ހަރުކަށި ފިކުރަށް ހިތްވަރު ދީ މުސްލިމުން ކާފަރުކުރަމުން ދިއުމަކީ ޤައުމަށް އޮތް ނުރައްކަލެއް. މިކަން ހުއްޓައިލުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަން." ކަމަށެވެ.

އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ، އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުﷲ، ރައީސް އިބްރާހީމްގެ ކެމްޕޭނު ޖަލްސާއެއްގައި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَގެ ޙަދީޘް ފުޅެއް ކަމަށްވިދާޅުވެ، ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ދީނީ ޢިލްމުވެރީންގެ މެދުގައި ޚިލާފުތަކެއް އުފެދި ބަހުގެ ހަމަލާތަކެއްވެސް ބަދަލުކުރެވިފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

އިލްޔާސްގެ ޓްވީޓާ ގުޅުވައިގެން، ރައީސް އިބްރާހީމުގެ ސަރުކާރަށް ވަރަށް ފާޅުގައި ތައުރީފުކުރައްވަމުން ގެންދަވާ، އަދި އަދާލަތު ޕާޓީއަށް ނިސްބަތްވާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވީ، "އަދާލަތު ޕާޓީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، އިސްލާމީ އުޞޫލުތައް ހިފަހައްޓަން. ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަމަށް ހެކިވެ ވޮޑިގެންވާނެ." ކަމަށެވެ.

މީގެ އިތުރުން، ޙަޤީޤަތް ބެލުމެއްނެތި ހަވާނަފްސާއި އެއްކޮޅަށް ބަޔަކު މީހުން ޢަދާލަތާއި ދެކޮޅަށް ކޮންމެ ވާހަކައެއް ދެއްކިނަމަވެސް، އަދި ޢަދާލަތުގެ މަސައްކަތް ފަނޑުކުރަން އެބައިމީހުންގެ ޙަސަދަ ބޭލިނަމަވެސް، ﷲގެ ރަޙްމަތާއި އެކު ޢަދާލަތުން ފަހަތަކަށް ނުޖެހޭނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފަހަތުން ވައްވައްޖަހާ ޙަސަދަވެރި ޢަދާވާތްތެރިންނަށް ބެލުމެއްނެތި ކުރިޔަށްދާނެ، އިންޝާﷲ." ޑރ. އިޔާޒުގެ ޓްވީޓްގައި ވެއެވެ.