ދިވެހީން ޑިމޮކްރަސީ ބޭނުންވީ، ސަލާމަތާ ރައްކާތެރިކަމާއެކު ދިރިއުޅުމަށެވެ. ގާނޫނުއަސާސީން ދޭ ހައްގުތައް ރައްޔިތުންނަށް މިނިވަންކަމާއެކު ބޭނުންކުރުން ކަށަވަރުކުރުމަށެވެ. ޚާއްސަކޮށް، ޢަދުލުއިންސާފު ގާއިމުވެފައިވާ މާހައުލެއްގައި، އިސްލާމީ ހަމަތަކާއެކު ދިރިއުޅުމަށެވެ. މިއީ ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ސިޔާސީ ވެރީން ވަރަށް ދައްކާވެސް ވާހަކައެކެވެ. އިންސާފުގެ ވާހަކައެވެ. ހަމަހަމަކަމުގެ ވާހަކައެވެ. ނަމަވެސް ކަން ހިނގަނީ އެމަގުން ހެއްޔެވެ.

"ތަރައްގީ އޯކޭ" ކަމަށާއި ނަމަވެސް "ކޮރަޕްޝަން އޯކޭ ނޫން" ކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިބްރާހީމް މުޙައްމަދު ޞާލިހު ގެންނާން ރައްޔިތުން ވޯޓު ދިނީ، އެމަނިކުފާނާ އެމަނިކުފާނާ އިއްތިހާދުވި ބޮޑު ޖަމާޢަތުން އިންސާފުގެ ވާހަކައާއި ހަމަހަމަ ކަމުގެ ވާހަކަ ވަރަށް ރަނގަޅަށް ރައްޔިތުންނަށް "ބޯންދީގެން"ނެވެ. ޚާއްސަކޮށް ކޮރަޕްޝަނާ ފަސާދައަށް ދޭނީ "ޒީރޯ ޓޮލަރެންސް" ކަމަށާއި ޝަރުޢީ ނިޒާމާއި ޢަދުލު އިންސާފު އެންމެ ފުރިހަމައަށް އަނބުރައިލާނޭ ކަމުގެ ވަޢުދުތަކާއެކު އެވެ.

އެހެނަސް ކަންވީ އެހެން ހެއްޔެވެ. ދައުލަތުގެ ހުރިހާ ބާރެއް އަތްމަތިވެ، ހުރިހާ ދިމާލަކުން ކަންކަން ފަހިވީ ނަމަވެސް، އެއްކަލަ އިންސާފާ ހަމަހަމަކަން ހޯދައިދޭން ވީ ވަޢުދު އޮތީ އަދިވެސް ހަމަ، އޭރު ފެއްޓެވި ހިސާބުގައެވެ. ނުވަތަ އެއަށްވުރެވެސް ފަހަތުގައެވެ. ސަރުކާރު ތެރޭންނާއި ސަރުކާރު ބޭރުންވެސް ގޮވަނީ މުޅި ދައުލަތް ކޮރަޕްޝަނުގެ ހާއްޔަކަށް ވެއްޖެ ވާހަކައެވެ. އެއްބަޔަކު އެގޮތް ކަމުނުދާތީ ސަރުކާރު ދޫކޮށްލައިފިއެވެ. އަނެއްބަޔަކު އެގޮތް ރަނގަޅުވެގެން ސަރުކާރާ ގުޅެމުންވެސް އެބަދެއެވެ. އެހެނަސް ރައްޔިތުންނަށް ވީ ވަޢުދު ހަނދާންކުރާން ޖެހޭނެ ނޫން ހެއްޔެވެ. ރައްޔިތުން ބޭނުންވީ ޔާމީނު ވެރިކަމުގައި ހުރީތީ އޭނާ ބަދަލުކުރާކަށް ނޫނެވެ. ނޫނީ ޔާމީނުގެ ބަދަލުގައި އިބްރާހީމަށް ވެރިކަން ދޭކަށްވެސް ނޫނެއެވެ. ރައްޔިތުން ބޭނުންވީ އިންސާފާއި ހަމަހަމަކަމެވެ. ވެރިމީހާ ބަދަލުވާކަށް ނޫނެވެ. ކަންކަން ބަދަލުވާށެވެ.

 އިދިކޮޅު ގިނަ ލީޑަރުންވެސް މިއަދު ބުނަމުންދާ އެއް ވާހަކައެވެ. ރައީސް ޔާމީނުގެ ތަރައްގީގެ ވިސްނުމަކީ މިގައުމަށް އެފަދަ ދެވަނައެއް ނެތް ވިސްނުމެކެވެ. ސިޔާސީ ވަރަށް ހަލަބޮލި 5 އަހަރު ތެރޭ، އެއްފަހަރާ ގިނަޢަދަދެއްގެ ރައްޔިތުންނަށް ފައިދާކުރަނިވި ތަރައްގީގެ ބިޔަ މަޝްރޫޢުތަކެއް ހިންގެވިކަމެވެ. ނަމަވެސް، ސިޔާސީ އިދިކޮޅު ފަރާތްތައް އޭރު ޖަލަށްލައި ޖެހި ސަކަރާތެއްގެ ސަބަބުން، ސިޔާސީ ފަރާތްތަކުގެ ނުރުހުން އަމާޒުވީއެވެ. އަދި ޔާމީންގެ ސަރުކާރު ތެރޭން ހިންގި ބޮޑު ޚިޔާނާތުގެ މައްސަލަވީ އެމަނިކުފާނުގެ ސިޔާސީ ޙަޔާތުގައި ޖެހުނު އެންމެ ބޮޑު ލައްގަނޑަށެވެ. މިއާއެކު އިދިކޮޅު ފަރާތްތަކުން އޭރު ރައްޔިތުން ލޮލުގައި އެޅުވި އަނދުނަކީ، ދައުލަތުން ގެއްލުނު ފައިސާ އަނބުރައި ހޯދާނޭވާހަކައެވެ. ޚިޔާނާތުގައި ބައިވެރިވި މީހުންނަށް ޙައްޤު އަދަބު ދޭނޭ ވާހަކައެވެ. 

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސާއި އިންސާފާއި ހަމަހަމަކަމުގެ ވަޢުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމްގެ ފަސް އަހަރުގެ ދައުރު ނިމެނީއެވެ. ހޯއްދަވާނޭކަމަށް ވިދާޅުވި މަރުގެ ޙަގީގަތްތަކާއި، ހޯއްދަވައި ދެއްވާން ވިދާޅުވި އިންސާފުގެ ވާހަކަތަށް "ޚިޔާލީ ވާހަކައަކަށް" ވީފަދައެވެ. ޚިޔާނާތުގައި ބައިވެރިވީ ފަރާތްތައް ހިމެނޭ ދިގު ލިސްޓެއް އެބަ އޮތެވެ. މަޖިލީސް މެންބަރުންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއި އެނޫންސްވެސް އެތައް ބައެކެވެ. ޚޮދު ރައީސް އިބްރާހީމަށްވެސް މީގެ ތުހުމަތު ކުރެއެވެ. ވަނަމަވެސް، ޚިޔާނާތާ ގުޅިގެން މިހާތަނަށް ޖަލުގައި އޮތީ އެންމެ ފަރާތެކެވެ. އެއީ ރައީސް އިބްރާހީމަށް ސިޔާސީ ގޮތުން ޗެލެންޖަކަށް ވާނޭ ހަމައެކަނި ލީޑަރެވެ. ރައީސް ޔާމީނެވެ. ޚިޔާނާތާ ގުޅިގެން ދެން ތިބި އެހެން މީހުން ސަރުކާރާއެކު ހެދި އެއްބަސްވުންތަކުގެ ހިޔަލުގައި އުދުހެނީއެވެ. އަނެއްބަޔަކު ރައީސް އިބްރާހީމަށް ދެވަނަ ދައުރެއް ހޯދައި ދިނުމުގައި އަވަދިނެތި ކެމްޕޭނުގައެވެ. ހޯދުނު ލާރިއެއް ނެތެވެ. އިތުރަށް ބެލުނު މައްސަލައެއްވެސް ނެތެވެ. 

ރައީސް އިބްރާހީމްގެ ސަރުކާރުން ރައްޔިތުންނަށް ހޯދައިދިން މިނެއް ނެއް ހަމަހަކަމާއި އިންސާފާ ގުޅޭގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަހްމަދު އުޝާމް ވަނީ،  މަނީ ލޯންޑަރިންގެ ދައުވާ ލިބޭ އެއް ފަރާތް ޖަލުގައި ބާއްވައިގެން، ހަމަ އެ ޚިޔާނާތުގައި ދައުވާ އުފުލާފައި ތިބި ބާކީތިބި ފަރާތްތައް ކެމްޕޭން ޚަރަކާތަށް ނެރުނީމާ އެއީވެސް ހަމަހަމަކަމާ އަދުލުވެރިކަމާ އިންސާފުވެރިކަންތޯ ވިދާޅުވެ ސުވާލު އުފައްދަވައިފައެވެ.

" ފުއްގިރި މައްސަލާގަ މަނީ ލޯންޑަރިންގެ ދައުވާ ލިބޭ ރައީސް ޔާމީން ޖަލުގަ. މިމައްސަލާގަ މަނީލޯންޑަރ ކޮށްދިންކަމަށް ތުހުމަތު ކުރެވޭ ކުންފުނިތަކުގެ އިސްވެރިން ރައީސް ސޯލިހުގެ އަރިހުގަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގަ. މިއީވެސް ހަމަހަމަކަމާ އަދުލުވެރިކަމާ އިންސާފުވެރިކަން؟؟" އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައި ވަނީ، ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ދައުވާ އުފުލާފައިވާ ފަރާތްތައް ރައީސް އިބްރާހީމްގެ ކެމްޕޭނުގައި އުޅޭކަން ފާހަގަކޮށެވެ. މި މުއާމަލާތުގައި ޔާމީނުގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ރައްދުވަނީ، ސަން ކޮންސްޓަރަކްޝަނާއި، ސަން އިންވެސްޓްމަންޓެވެ. މިއީ ރައީސް އިބްރާހީމް ދެވަނަ ދައުރަކަށް ގެންނާން އިއްތިހާދުވެފައިވާ، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުޙައްމަދުގެ މަސްލަހަތު އޮންނަ ދެކުންފުންޏެވެ.

އިންސާފާއި ހަމަހަމަކަމަކީ ރައީސް ބޭނުންފުޅުވާ ކަންކަން ކޮށްލަދޭ ފަރާތްތައް ހުދުކާފޫރަށް ވުންހެއްޔެވެ. ޚިޔާލުތަފާތުވެއްޖެ ނަމަ ޚާއިނަކަށް ވުންހެއްޔެވެ. ރުހުމުގެ ލޮލަށް އައިބު ނުފެންނަ، އިންސާފާއި ޝަރުޢީ ނިޒާމަށް ދިވެހީން ކިޔަނީ "ސަދޫމް އިންސާފުގެ ނިޒާމް" އެވެ. 

ރައްޔިތުން ހިތްހަމަ ނުޖެހިގެން ސަރުކާރެއް ބަދަލުކުރާނީ ވަރަށް ބައިވަރު ސަބަބުތަކާ ހުރެއެވެ. ރައްޔިތުން އެއްވެސް މީހަކާ ޒާތީވެގެން ވެރިކަން ބަދަލުކުރާކަށް ނުނިކުންނާނެއެވެ. ރައްޔިތުން ބޭނުންވީ ޤާނޫނުއަސީސީން ލިބިދޭ ޙައްގުތައް ކަށަވަރުކުރާށެވެ. ހަމަހަމަކަމާއި އިންސާފު ގާއިމުކުރާށެވެ. އެކަމަކު ރައްޔިތުންނަށް ފެންނަނީ މުޅީން ތަފާތު މަންޒަރެކެވެ. ދެވަނަ ދައުރަކަށް އެދި ރައްޔިތުންގާތަށް އަންނައިރު، ކުރީން ވީ ވަޢުދު ކެންސަލް ނުކުރައްވާހާ ހިނދަކު ވިދާޅުވިގޮތަށް ޢަމަލުކުރާންވެސް ހަނދުމަފުޅު ބަހައްޓަވާން ޖެހޭނެއެވެ.