ދިވެހިރާއްޖެއަކީ އިސްލާމީ ޝަރީޢަތް ގާއިމުކުރަމުންދާ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށްވާއިރު، ރާއްޖޭގެ ފަނޑިޔާރުން ތަމްރީނުހޯދަން އިންޑިއާފަދަ އިސްލާމީ ނޫންގައުމުތަކަށް ދާންޖެހޭ ސަބަބެއް ނޯންނާނޭ ކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެވެ.

ޕްރިގްރެސިވް ކޯލިޝަނުން އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ، ރާއްޖޭގެ ފަނޑިޔާރުން އިންޑިއާއަށް ތަމްރީނު ހޯދާން ދާން ޖެހޭ ސަބަބެއް ނޯންނާނޭ ކަމަށެވެ.

"ތަމްރީނު ހޯދަން މިދަނީ އިންޑިއަށް، އަޅެ އަޖާއިބެއްނު މީ! ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން އިންޑިއާއަށް ތަމްރީނު ހޯދަން ދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާކަމެއް. ޕީޕީއެމް ވެރިކަމެއްގައި ފަނޑިޔާރުން ތަމްރީނު ހޯދަން އިންޑިއާއަށް ދާކަށް ފައިސާއެއް ނުދޭނަން،" ކުރީން ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި ޝުޖާ ވިދާޅުވިއެވެ.

 

އޭނާ ވިދާޅުވީ ފަނޑިޔާރުން ތަމްރީނު ހޯދަން ދާންޖެހޭނީ އިސްލާމީ ގައުމުތަކަށް ކަމަށާއި، ޕީޕީއެމް ސަރުކާރެއްގައި އެފަދަ ފަނޑިޔާރުންނަށް ހިތްވަރުވެސްދޭނޭ ކަމަށާއި އަދި ބޭނުން ކަމެއް ކުރެވޭނޭ ކަމަށެވެ.

"ފަނޑިޔާރުންނަށް ބޭނުންވާވަރަށް ޢިނާޔަތްތައްވެސް ލިބޭނެ، އެކަމަކު ތަމްރީނު ހޯދާކަށް ކާފަރު ގައުމުތަކަކަށް ނުދެވޭނެ،"

 

ޝުޖާ އިޝާރާތްކުރައްވާފައި މިވަނީ، އިންޑިއާގެ ބޯޕާލްގައި ހުންނަ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއާއި ޖޭއެސްސީ ގުޅިގެން 2020 ވަނަ އަހަރު ސޮއިކުރި އެމްއޯޔޫއެއްގެ ދަށުން ކުރިއަށްގެންދާ ތަމްރީނުތަކަށެވެ. އެމްއޯޔޫގެ ދަށުން ޖުމްލަ 200 ޖުޑީޝަލް އޮފިސަރުން ތަމްރީނު ކުރާނެއެވެ. އަދި މީގެ އިތުރުންވެސް ސިވިލް ސަރވިސްއާއި ޝަރުޢީ ދާއިރާއާ ރާއްޖޭގެ ތަހްގީގީ ދާއިރާތަކުގެ މުވައްޒަފުންނަށް ވެސް އިންޑިއާއިން ދަނީ އެކިއެކި ތަމްރީނުތައް ފޯރުކޮށްދެމުންނެވެ.

🎥 ޚަބަރާ ގުޅޭ ވީޑިއޯ ▶️