ރާއްޖޭގެ އާބާދީ އިތުރުވެ، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 6 ދާއިރާއެއް އިތުރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. މިހާރު މަޖިލީހުގެ ތިބެނީ 87 މެންބަރުންނެވެ. އިތުރުވި ގޮނޑިތަކާއެކު ދާއިރާތަކުގެ ޖުމުލަ 93އަށް އަރާނެއެވެ.

 ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މުސާރައާ އެލަވަންސްތައް އެއްކޮށްލުމުން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 80،000ރ މިހާރު ޖެހެއެވެ. އެހެންކަމުން މިހާރު ތިބި މެންބަރުންގެ މުސާރައާ ޢިނާޔަތްތަކުގެ ޖުމުލަ އަދަދު 6.96 މިލިއަނަށް އަރާނެއެވެ. އަދި އަލަށް އިތުރުވާ 6 ދާއިރާއެކު މަޖިލީހުގެ މެންބަރުންގެ މުސާރައަށް ކުރާ ހޭދަ 7.44 މިލިއަން ރުފިޔާއަށް އަރާނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނު ނަންބަރު 2009/1 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނު)ގެ 8 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާގޮތުގެ މަތީން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް ގެނެވޭ ބަދަލު އެކޮމިޝަނުން ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވާނޭ ކަމަށެވެ.

މަޖިލީހުގައި ގޮނޑިތައް ކަނޑައަޅަނީ އާބާދީގައި ހިމެނޭ ކޮންމެ 5،000 މީހަކަށް ގޮނޑިއެއެއްގެ އުސޫލުންނެވެ.

އިތުރުވާ ގޮޑިތައް:

  • މާލޭ ސިޓީ އަށް 2 ގޮނޑި،
  • އައްޑޫ ސިޓީ އަށް 1 ގޮނޑި،
  • މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި،
  • މާލެއަތޮޅަށް 1 ގޮނޑި،
  • އަދި ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި.

މީގެ އިތުރުން ޙަބީބު ވިދާޅުވީ، ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ އާބާދީގެ ޢަދަދުތަކުގެ ތަފްސީލް ކޮމިޝަނުން ވަރަށް އަވަހަށް ޢާންމުކުރާނެކަމަށެވެ.