ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގުޅިގެން މަސައްކަތްކުރާނޭ ފޯމިއުލާއެއް ހޯދުމަށް އެ ދެޕާޓީގެ ލީޑަރުން ބައްދަލުކުރައްވައިފިއެވެ.

އަންގާރަ ދުވަހު މެންދުރު ފަހު ޤާސިމްގެ ވިލާޕާކް ސަން އައިލޭންޑްގައި ބޭއްވި މި ބައްދަލުވުމުގައި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި، އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ އިތުރުން، އެމްއެންޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދު ﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްވެސް ބައިވެރިވެވަޑައިގަތެވެ.

ބައްދަލުވުމާ ބެހޭގޮތުން އެމްއެންޕީ ފަރާތުން އުޝާމް ވިދާޅުވީ، މިއަދުގެ ބައްދަލު ކުރެއްވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި މަޖިލީހުގެ ތެރެއިން މަސަކަތް ކުރުމުގައި ދެ ޕާރޓީ ގުޅިގެން ކުރިއަށް ދާނެ ފޯމިއުލާއެއް ހޯދުމަށް ބޭއްވުނު މަޝްވަރާ ބައްދަލު ކުރެއްވުމެއް ކަމަށާއި، ދެކެވުނު ވާހަކަތަކާއި ކުރެވުނު މަޝްވަރާތަކަށް ބަލާއިރު މިއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ގާޒިމާއި ނާޒިމް މަޝްވަރާ ބައްދަލުވުމަކަށް ވަޑައިގެންނެވިއިރު މި ދެބޭފުޅުންނަކީ ވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން ޢިއުލާނުކޮށް، ކެމްޕޭންވެސްކުރައްވަމުން ގެންދަވާ ދެބޭފުޅުންނެވެ.

ބައްދަލުވުމާ ގުޅޭގޮތުން ޖޭޕީގެ ލީޑަރު ޤާސިމް ވިދާޅުވީ، މިއީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ބޭއްވި ބައްދަލުވުމެއް ކަމަށާއި، ދެޕާޓީ އެކުގައި ސިޔާސީ ކަންކަމުގައި ކުރިއަށް ދިއުމަށް މި ފެށި "ފުޓްފުލް" މަޝްވަރާތަކަށް ފަހު، މީގެ ސިލްސިލާ ބައްދަލުވުންތައް ކުރިއަށް ގެންދަން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައްދަލުކުރެއްވުމާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ، "ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމްގެ ދައުވަތަކަށް މިއަދު ބޭއްވުނު ބައްދަލުވުމުގައި ސިޔާސީގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނު" ކަމަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތްތާނގައި ކުރެވޭ މަޝްވަރާތަކުގެ މައުލޫމާތު އާންމުންނާ ހިއްސާކުރާނޭކަމަށް ދެފަރާތުންވެސް ވަނީ ބުނެފައެވެ.

🎥 ޚަބަރާ ގުޅޭ ވީޑިއޯ ▶️