މުޒާހަރާކުރާން ޖެހިއްޖެ ހާލަތެއްގައި އަދިވެސް މުޒާހަރާކުރައްވާނޭ ކަމަށާއި، އަދި ނުވެސް ހުއްޓުވޭނޭކަމަށް ވިދާޅުވެ މިސަރުކާރުގެ ކުރީގެ ޖެންޑާ މިނިސްޓަރު، އަދި މިހާރު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތަރުޖަމާނު ޝީދާތާ ޝަރީފް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށާއި ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲއަށް ރައްދުދެއްވައިފިއެވެ.

ރައީސް އިބްރާހީމާއި އިމްރާނަށް ޝިދާތާ ރައްދުދެއްވާފައި މިވަނީ، ކުރިއަށް އޮތްތާނގައި ރައްޔިތުންނަށް މުޒާހަރާކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރައްވާނޭކަމުގެ އިންޒާރެއް، ހޯމް މިނިސްޓަރު ދެއްވުމާ ގުޅިގެންނެވެ.

ރައީސް އިބްރާހީމްގެ ދެވަނަ ދައުރުގައި މަގުމަތީ ޚަރަކާތްތައް ހިންގުން ނިމުމަކަށް ގެންނަވާނޭކަމަށް ޢިމްރާން ވިދާޅުވި ވާހަކައަށް ރައްދުދެއްވައި، ކުރީން އަދާލަތު ޕާޓީގައިވެސް އިސްކޮށް އުޅުއްވި ޝިދާތާ އިމްރާނާއި ރައީސް އިބްރާހީމް ޓެގްކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ތި އެންމެންވެސް ޖަލުން ސަލާމަތްކުރީ މުޒާހަރާކޮށްގެން" ކަމަށެވެ.

"އަދިވެސް މުޒާހަރާކުރަން ވެއްޖެއްޔާ ކުރާނަން. ނުވެސް ހުއްޓުވޭނެ،" ޝިދާތާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް ދެވަނަ ދައުރަކަށް އިންތިޚާބު ވެއްޖެ ނަމަ، މުޒާހަރާކުރުމަށް ކުރިއަށް އޮތްތާނގައި ފުރުސަތު ނުދެއްވާނޭކަމަށް ޢިޝާރާތްކުރައްވަމުން، މ. ދިއްގަރުގައި އާދީއްތަ ދުވަހުގެރޭ ބޭއްވި، ރައީސް އިބްރާހީމުގެ ކެމްޕޭން ޖަލްސާގައި އިމްރާން ވިދާޅުވީ، މުޒާހަރާކޮށްގެން ކަންކަން ކުރާ ދުވަސްވަރު މާޒީވެ ގޮސްފި ކަމަށެވެ. އަދި " އަޅުގަނޑުމެންގެ ޓީމު ނުކުތީމަ ޕީޕީއެމް މީހުންނަށް ވެސް އަދި ޑިމޮކްރެޓްސް މީހުންނަށް ހިފަހައްޓައި ނުލެވޭނޭ" ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަށްރަށަށް އަރާއިރުގައި ތިސަކަރާތް ޖަހާން ދެން ނަހައްދަވާ. ހުރިހާ ރަށަކުން. އިނގޭތޯ. ތިސަކަރާތް ޖަހަން ހައްދަވައިފިއްޔާ، އަޅުގަނޑުމެން މާ ވަރުގަދަވާނެ."

ޢިމްރާނުގެ މި ވާހަކަފުޅާ ގުޅިގެން ރައްޔިތުންގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، ސިޔާސީ އެކި ފަރާތްތަކުން ދަނީ މިކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ރައްޔިތުން ބަލައިގަތުމަށް ގޮވާލަމުންނެވެ.