ދެވަނަ ދައުރެއް ހޯއްދެވުމަށް ފޯރިއާއެކު ރިޔާސީ ކެމްޕޭން ޚަރަކާތްތައް ކުރިއަށް ގެންދަވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިކުނޑީގައި މިވަގުތު އޮތް އެންމެ ބޮޑު މައްސަލައަކީ ރަނިންގ މޭޓެއް ކަނޑައެޅުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މުލަކު އަތޮޅާއި ފެލިދެއަތޮޅަށް ކުރެއްވި ކެމްޕޭން ހަރަކާތްތަކުގެ ތެރޭން، ވ. ފުލިދޫގައި ނޫސްވެރީންނާ ބައްދަލުކުރައްވައި ރައީސް އިބްރާހީމް ވިދާޅުވީ، އެމަނިކުފާނުގެ ސިކުނޑީގައި މިވަގުތު ޑިޝިޝަނެއް ނުނެގި އޮތް އެންމެ ބޮޑު މައްސަލައަކީ ރަނިންގ މޭޓެއްގެ މައްސަލަ ކަމަށާއި، އެކަމާ ގުޅޭގޮތުން ރެޔާ ދުވާލު އެމްޑީޕީގެ އިސް މެންބަރުންނާ މަޝްވަރާކުރައްވަމުން ދާ ކަމަށެވެ.

"އަޅުގަނޑުގެ ސިކުނޑީގައި މިވަގުތު އޮތް އެންމެ ބޮޑު މައްސަލަ ތިއީ. މައްސަލައޭ މި ދަންނަވަނީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކީން ޕާޓީގެ އިސް ބޭފުޅުންނާ އެބަ ވާހަކަ ދައްކަން،" ރަނިންގ މޭޓާ ގުޅޭގޮތުން ނޫސްވެރީން ކުރި ސުވާލުގެ ޖަވާބުގައި އިބްރާހީމް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަތީ އޭރު ހެއްދެވި ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ފައިސަލް ނަސީމާ އެކުއެވެ. ނަމަވެސް މިފަހަރު ޖޭޕީން ދަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތައްޔާރުވަމުންނެވެ.

އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން ބޮޑުވެ، އެޕާޓީން ގިނަ ބަޔަކު ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހަދައި، މިފަހަރުގެ އިންތިޚާބުގައި ވާދަކުރާން ތައްޔާރުވަމުން އަންނައިރު، އަދިވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުން ދަނީ އިތުރުވަމުންނެވެ. އެގޮތުން އެޕާޓީގެ ކުރީގެ ޗެއަރ ޕާރސަން ރީކޯ މޫސާމަނިކާއި މިހާރުގެ ޗެއަރ ޕާރސަން، ފައްޔާޒު އިސްމާޢީލާ ދެމެދުވެސް ރަނިންގ މޭޓެއްގެ ބަހުސުގައި ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.

އެހެންކަމުން ރައީސް އެވިދާޅުވިހެން ހަމަ ހަގީގަތުގައިވެސް ރަނިންގ މޭޓެއް ކަނޑައެޅުއްވުމަކީ ރައީސް އިބްރާހީމަށް މިފަހަރު ފަސޭހަކަމަކަށް ނުވާނެއެވެ.