"އެއްވެ އުޅުމުގެ މިނިވަންކަން ނޯންނަ ޒާތުގެ އުފާވެރި އަމާން ރާއްޖެއަކީ ބިރުވެރި ވާހަކައެއް. އެ ދައްކަނީ ޚުދުމުޚްތާރު ވެރިކަމެއްގެ ވާހަކަ. ދިވެހިންނޭ ވިސްނާ،"
މަތީގައި އެވަނީ، ރާއްޖޭގައި މިހާރު އޮތް ވަރަށްވެސް އެއްވެ އުޅުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކުރިއަށް އޮތް ދައުރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހޮވިއްޖެ ނަމަ، ނުދެއްވާނޭ ފަދަ މޭރުމަކުން ހޯމް މިނިސްޓަރު ޢިމްރާނު ޢަބްދުﷲ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސެން ވިދާޅުވި ބަސްފުޅެކެވެ.
"މިއަދު ވާދަވެރީން ދެއްކީ ރާއްޖޭގެ 21 ވަނަ އަހަރުގެ ހާލަތާ އެއްވެސް ގޮތަކަށް މުނާސަބު، ގާބިލު، ވައްތަރު ހާލަތެއް ނޫން" ކަމަށް މ. ދިއްގަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި އިމްރާން ވިފާޅުވިއެވެ.
މުޒާހަރާކުރުމުގެ ހާލަތަ މިހާރުނެތްކަމާއި، ކުރިއަށް އޮތް ދައުރަށް ރައީސް އިބްރާހީމް އިންތިޚާބު ވެއްޖެ ނަމަ، އެފަދަ ފުރުސަތުތައް ނުދެއްވާނޭ ކަން ސިފަކުރައްވަމުން އިމްރާން ވިދާޅުވީ، "އެ ހާލަތު ރައީސް ވިދާޅުވިހެން 2000ގެ ކުރީކޮޅުގެ އަހަރުތަކަށް ލައި، މާޒީގެ ޞަފްޙާތަކަށްލައި ނިންމާލައިގެން" ތިބި ކަމަށެވެ.
"އުފާވެރި އަމާން ރާއްޖެ" ޝިޢާރުގެ ދަށުން، ރައީސް އިބްރާހީމާއި އެމަނިކުފާނަށް ތާޢީދުކުރާ ފަރާތްތަކުން މިހާރު ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަރަށް ވަރުގަދަ ކެމްޕޭނެއް ފައްޓަވައިފައެވެ. އެގޮތުން، އާންމު ގޮތެއްގައި ސިޔާސީ ފަރާތްތަކުން ކޮންމެ 5 އަހަރުން 1 އަހަރު އަތޮޅުތެރެއަށް ކުރައްވާ ޚާއްސަ ޒިޔާރަތް މިހާރު މިވަނީ ފެށިފައެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ވަރުގަދަ ބަހުގެ ހަމަލާތައްވެސް މިދަނީ ދެމުންނެވެ. ނަމަވެސް، ބައެއް ހާލަތުގައި ނުދައްކާން ޖެހޭ ވާހަކަތައްވެސް ހުންނާނެއެވެ. އެއީ ތިމާ ހުންނަ މަގާމެއްގެ ގޮތުން އަދި މާބޮޑަށް ވިސްނާން ޖެހޭ ކަމެކެވެ.
ވާދަވެރީންނަށް އަމާޒުކޮށް އިމްރާން ވިދާޅުވީ، "މިރާއްޖޭގައި ސިޔާސީ ޙަރަކާތް ހިންގާކަށް ދެން ގަޔަށް ބޮލަށް އަރާކަށް، ވެލިއުކައި ފެންއުކާކަށް ޖާގައެއް ނުދޭނަން. ސިޔާސީ ޙަރަކާތް ހިންގުމަށް އަބަދުކުރާން އޮތް ކަމަކީ މުޒާހަރާކުރުން ކަމަކަށް ނުދޭނަން." ކަމަށެވެ. މިއީ ދިއްގަރު ރައްޔިތުން ސަރުކާރާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުން ހޯމް މިނިސްޓަރު ދެއްވި ރައްދެކެވެ.
ތަންކޮޅެއް ދުރަށް ޖެހިލަމާ ހިނގާށެވެ. އެހެނަސް އެމްޑީޕީގެ ފިކުރާ ގާތަށެވެ. މީގެ 13 ވަރަކަށް އަހަރު ކުރިއަށެވެ. އޭރުގެ ވެރިމީހާ ވިދާޅުވަނީ، ސަރުކާރުން ހިންގާނޭ ތަރައްގީގެ އެންމެ ބޮޑު މަޝްރޫޢަކީ ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމެވެ.
"ރައްޔިތުން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ނުވަތަ ބުނާއެއްޗެއްގެ ސަބަބުން ހައްޔަރުކޮށް، ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ފިކުރު ނެރުމަށް ބިރުގަންނަ ހާލަތެއް ކުރިމަތިވެއްޖެނަމަ، މުޅި ޤައުމުގެ ތަރައްޤީ ގެއްލިގެންދާނެ،" މިއީ ރާއްޖޭގައި މިހާރު ހިނގަމުން މިދާ މަލްޓި ޕާޓީ ސިސްޓަމް އުފެދި، ފުރަތަމަ ފަހަރަށް ބޭއްވި ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، 2010 ވަނަ އަހަރުގެ ނޮވެމްބަރު 7 ވަނަ ދުވަހު ނ. ޅޮއްސަށް ވަޑައިގެން ވިދާޅުވި ބަސްފުޅެކެވެ.
ރައީސް ނަޝީދު އޭރުވެސް އަދި މިހާރުވެސް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅެކެވެ. ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢަކަށް ވާންޖެހޭނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ރައްޔިތުންގެ މިނިވަންކަން ދަމަހައްޓަވައި ހިފެހެއްޓުމެވެ. ސަރުކާރުގެ ސަބަބުން ތިމަންނާއަށް ނުވަތަ ތިމަންނާގެ ޢާއިލާއަށް ނުވަތަ ރަށަށް ކުރީ ކޮންފައިދާއެއްތޯ ސުވާލު ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިފައި އޮތުމެވެ. މިފަދަ ސުވާލު އުފައްދާނެ ޖާގަ ރައްޔިތުންނަށް ލިބިފައި ނެތްހާ ހިނދަކު ތަރައްގީއާ އުފާވެރިކަމާ އަމާންކަމާ އެއީ ނެތް އެއްޗެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވައެވެ.
އަދުގެ ހޯމް މިނިސްޓަރު އިމްރާނަކީ މިހާރު އޮތް އެމްޑީޕީ ކޯލިޝަން ސަރުކާރުގެ ހޯމް މިނިސްޓަރެވެ. ޤާނޫނުއަސާސީން ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެހައި ހައްގުތައް ކަށަވަރުކޮށްދޭން ސަރުކާރުގެ ފަރާތުން ކަނޑައަޅާފައި ހުންނަ އެންމެ އިސް ފަރާތެވެ. ހަމަ އެހެންމެ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރު ބޭއްވި ބިޔަބޮޑު މުޒާހަރާތަކުގައި ވަރަށް މިނިވަންކަމާއެކު ޖަޑިބުކަން ކުރެއްވި އެއް ބޭފުޅާއެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި އެއް ލީޑަރެވެ. ނަމަވެސް މަގާމުގެ ޢިއްޒަތާ ލައްޒަތު ފެނުމުން، އޭރު ދެއްކެވި ވާހަކަތައް މިއަދު ކެންސަލްވީބާވައެވެ. ނުވަތަ، އޭރުވެސް އަދި މިހާރުވެސް، އިދިކޮޅު ފަރާތްތަކުން ސިފަކުރާފަދަ، ސިޔާސީ ކަންކަމުގައި އިތުރުފުޅު ހައްދަވާ "ސިޔާސަ" ބޭފުޅަކީ ބާވައެވެ.
އިމްރާނުގެ ވާހަކަފުޅަށް ރައްދުދެއްވައި، ގާނޫނު ހަދާ މަޖިލީހުގެ މާފާންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ތަރުޖަމާން އިމްތިޔާޒް ފަޚްމީ ވިދާޅުވީ، ގިނަ ބަޔަކު އެމްޑީޕީ ދޫކޮށްލަމުން އެ ދަނީ "މިކަހަލަ ފީކަޅާ އެއްޗަކަށް އޭތި ވީތީ!" ކަމަށެވެ.
"އެމްޑީޕީ ވަކާލާތުކޮށް ދިފާއުކޮށްދިން އެންމެ އަސާސީ ޙައްޤުތައް ވެސް ނެތިކޮށްލަމުންދާކަން މި އެނގެނީ ރިޔާސީ ކެމްޕޭނުގައި މިވެރިން އެއްތަންވެ ތިބެ ޙައްޤުތައް އުފުރާލާނޭކަމަށް އިއުތިރާފުވާވުމުން،" އިންތި ވިދާޅުވިއެވެ.
އިމްރާނުގެ ވާހަކަފުޅާ ގުޅުވައިގެން ދަ ޑިމޮކްރެޓްސްގެ މުއައްސިސް، އަދި ގާނޫނު ހަދާ މަޖިލީހުގެ ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ޙަސަން ލަތީފް ވަނީ، "ސަރުކާރުގެ ކޮރަޕްޝަނާ ވައްކަމާ ރިޝްވަތު އާންމުކޮށް, ހިއުމަން ޓްރެފިކާއި ޑްރަގް ޓްރެފިކްގެ މައްސަލަތައް އޮއްބާލައި ރާއްޖޭގެ ކަނޑުވިއްކާލުމަށްފަހު ރ.ސޯލިހު މިހާރު ތިޔަ ނުކުންނެވީ ޚިޔާލުފާޅުކުރުމާ އެއްވެއުޅުމުގެ މިނިވަންކަން ހިފަހައްޓާންތޯ؟" ވިދާޅުވެ ސުވާލު އުފައްދަވައިފައެވެ.
ކުރިއަށް އޮތީ، ރިޔާސީ އިންތިޚާބެވެ. ސިޔާސީ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކިތަންމެ ޖަޒްބާތުވިޔަސް ކޮށްގެން ނުވާނޭ ކަންކަން ހުންނާނެއެވެ. ބުނާން ނުޖެހޭ ވާހަކަތައް ހުންނާނެއެވެ. މަޤާމު ތަކުގެ ނުފޫޒު ބޭނުންކޮށް، ރައްޔިތުންގެ އަސާސީ ޙައްގުތައް ފޭރިގަންނަވާހަކަ ދައްކާން ހެޔޮނުވާނެއެވެ. އެ ބިރުވެރި މާޒީއަށް ދާކަށް ރައްޔިތުން ނޭދެއެވެ. ރާއް ޖެ ޑިމޮކްރަސީއަށް ފައްކާވެސް ނުވެއެވެ. އަދި މި މިފަދަ ކޮރަޕްޝަނާ ފަސާދައިން ފުރިގެންވީ މާހައުލެއް އޮއްވައި ޑިމޮކްރަސީއަށް ފައްކާ ނުވެސް ވާނެއެވެ. މޮޅެތި ނަންތައް ކިޔައި، ބަސްތައް އިއްވިދާނެއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލާއިރު، ޚާއްސަކޮށް ދެވަނަ ދައުރެއްގެ ވާހަކަ ދައްކާއިރު ރައްޔިތު މީހާގެ އިޙްސާސްތައް ބަންޑުންކޮށްލާނޭ ހާލަތަށް ސިޔާސީ މީހާ ތައްޔާރުވާން ޖެހޭނެއެވެ. އެވަރުގެ ކެތްތެރިކަމާ ގާބިލުކަން ހުންނާން ޖެހޭނެއެވެ. ބާރާ ނުފޫޒު އޮތަތީ، ބަދަލުހިފުމުގެ ޖޯޝު އުފައްދައިގެން ނުވާނެއެވެ. އެނޫނީ އެދެވެނީ އަލީ ހުޞައިން ވިދާޅުވާހެން " ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބިމުއަޑިން ދަމައިގަނެ" ބިރުވެރި މަގަކަށެވެ. ޚުދުމުޚްތާރުގެ މަގަށެވެ. ރައްޔިތުން ވިސްނާށެވެ. ވިސްނާނޭކަން ޔަގީނެވެ.