އަދާލަތު ޕާޓީގެ ރައީސް، އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އަކީ، ސިޔާސީ މަންފާއެއް ހޯއްދަވާން ޖެހޭ ހާލަތެއްގައި ކޮންމެ ފަދަކަމެއްވެސް ކުރައްވައިފާނޭ ބޭފުޅެއްކަމަށް، ޕީޕީއެމްގެ ނައިބުރައީސް، އަދި ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައި ވަނީ، ޑިމޮކްރެޓްސްއާ ޕީޕީއެމްއަށް އިންޒާރުދެއްވައި، މުޒާހަރާކުރުން ހުއްޓުވާނޭކަމަށް ޢިމްރާނު ވިދާޅުވާ ވީޑިއޯއެއް ޓްވިޓަރގައި ޝެއާކުރައްވަމުންނެވެ.
މުޒާހަރާކުރުމަށް ކުރިއަށް އޮތްތާނގައި ފުރުސަތު ނުދެއްވާނޭކަމަށް ޢިޝާރާތްކުރައްވަމުން، މ. ދިއްގަރުގައި އާދީއްތަ ދުވަހުގެރޭ ބޭއްވި، ރައީސް އިބްރާހީމުގެ ކެމްޕޭން ޖަލްސާގައި އިމްރާން ވިދާޅުވީ، މުޒާހަރާކޮށްގެން ކަންކަން ކުރާ ދުވަސްވަރު މާޒީވެ ގޮސްފި ކަމަށެވެ. އަދި " އަޅުގަނޑުމެންގެ ޓީމު ނުކުތީމަ ޕީޕީއެމް މީހުންނަށް ވެސް އަދި ޑިމޮކްރެޓްސް މީހުންނަށް ހިފަހައްޓައި ނުލެވޭނޭ" ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރަށްރަށަށް އަރާއިރުގައި ތިސަކަރާތް ޖަހާން ދެން ނަހައްދަވާ. ހުރިހާ ރަށަކުން. އިނގޭތޯ. ތިސަކަރާތް ޖަހަން ހައްދަވައިފިއްޔާ، އަޅުގަނޑުމެން މާ ވަރުގަދަވާނެ."
ޢިމްރާނުގެ މި ވާހަކަފުޅާ ގުޅިގެން ރައްޔިތުންގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، ސިޔާސީ އެކި ފަރާތްތަކުން ދަނީ މިކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ރައްޔިތުން ބަލައިގަތުމަށް ގޮވާލަމުންނެވެ.
ޢިމްރާނު ދެއްވި އިންޒާރާ ގުޅުވައިގެން ޝިޔާމް ވިދާޅުވީ، "އަމިއްލަ ފުޅުޕާޓީގައި ހުކުރު ހަމަނުވާ" ކަމަށެވެ. އަދި "ތޮށިގަނޑެއް ހިއްޕަވައިގެން އެހެން ޕާޓީތަކުގެ ވާހަކަ ނުދެއްކިއްޔާ މާރަނގަޅުވާނެ،" ކަމަށެވެ.
ޝިޔާމް ވަނީ ހޯމް މިނިސްޓަރު ޢިމްރާނަކީ ޓެރަރިޒަމަށް ހިތްވަރުދީ، ޓެރަރިޒަމުގެ ޢަމަލުތައް ހިންގުމުގެ ތާރީޚެއް އޮތް ބޭފުޅެއްކަމަށްވެސް ވިދާޅުވެފައެވެ.
"ހައިރާނެއް ނުވޭ. ސިޔާސީ މަންފާއަށް ކޮންމެ ފަދަ ކަމެއްވެސް ކުރައްވަފާނެ،" ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވިއެވެ.