ރައީސް އިބްރާހީމް މުޙައްމަދަށް ދެވަނަ ދައުރެއް ހޯދައި ދެއްވުމަށް، ކުރިއަށް ގެންދާ "އުފާވެރި އަމާންރާއްޖެ" ކެމްޕޭނުގެ ތެރޭން، މި ސަރުކާރުގެ ހޯމް މިނިސްޓަރ ޝޭޚް ޢިމްރާން ޢަބްދުﷲ އިދިކޮޅު ފަރާތްތަކައި ޚާއްސަކޮށް އަތޮޅުތެރޭގެ ރައްޔިތުން މައިތިރިވެގެން ތިބުމަށް ގޮވާލައްވައި ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

މ. ދިއްގަރުގައި އާދީއްތަ ދުވަހުގެރޭ ބޭއްވި، ރައީސް އިބްރާހީމުގެ ކެމްޕޭން ޖަލްސާގައި އިމްރާން ވިދާޅުވީ، މުޒާހަރާކޮށްގެން ކަންކަން ކުރާ ދުވަސްވަރު މާޒީވެ ގޮސްފި ކަމަށާއި މިހާރު ރާއްޖެ މިވަނީ ޑިމޮކްރަސީއަށް ފައްކާވެފައި ކަމަށެވެ.

"މިއަދު ވާދަވެރީން ދެއްކީ ރާއްޖޭގެ 21 ވަނަ އަހަރުގެ ހާލަތާ އެއްވެސް ގޮތަކަށް މުނާސަބު، ގާބިލު، ވައްތަރު ހާލަތެއް ނޫން. އަޅުގަނޑުމެން މިތިބީ އެ ހާލަތު ރައީސް ވިދާޅުވިހެން 2000ގެ ކުރީކޮޅުގެ އަހަރުތަކަށް ލައި، މާޒީގެ ޞަފްޙާތަކަށްލައި ނިންމާލައިގެން މިތިބީ،" ޖަލްސާގައި ތިބި އެންމެންވެސް ވާނުވާ ނޭނގި ފޯރީގައި އަތްޖަހަމުން ދިޔަ ޖަލްސާގައި ވަރަށް ޖޯޝާއެކު ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

 

މިރާއްޖޭގައި ދެން ސިޔާސީ ހަރަކާތްތައް ހިންގާން ފުރުސަތު ނުދެއްވާނޭ ކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ، "ﷲ އިރާދަކުރެއްވިއްޔާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގަ، އަންނާން އޮތް ސަރުކާރުގަ މިކަން އިތުރަށް ސާބިތުކޮށްދީ އަޅުގަނޑުމެން އަމާން ރާއްޖެއަކަށް މިރާއްޖެ ހަދާނަން. އެޖާގައެއް ނުދޭނަން،" ކަމަށެވެ.

"މިރާއްޖޭގައި ސިޔާސީ ޙަރަކާތް ހިންގާކަށް ދެން ގަޔަށް ބޮލަށް އަރާކަށް، ވެލިއުކައި ފެންއުކާކަށް ޖާގައެއް ނުދޭނަން. ސިޔާސީ ޙަރަކާތް ހިންގުމަށް އަބަދުކުރާން އޮތް ކަމަކީ މުޒާހަރާކުރުން ކަމަކަށް ނުދޭނަން."

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރު ކޮށްދީ، ރައްޔިތުންގެ ޙައްގުތަށް ރައްކާތެރިކޮށްދީ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭން ހުންނެވި ވަޒީރުގެ މިފަދަ އިންޒާރެއް މިއައީ ބެލެވޭ ގޮތުން، ސަރުކާރާ ދެކޮޅަށް ދިއްގަރުގައި ބަޔަކު މީހުން އަޑު އުފުލުމުންނެވެ.

ރައީސް އިބްރާހީމަށް ހަވާލާދެއްވައި އިމްރާން ވިދާޅުވީ، "އާދެ ރައީސް ވިދާޅުވިހެން ސިޔާސީ ހަރަކާތް ހިންގަން ރާއްޖެ ތަޞައްރަފް ފުދިފައި މިއޮތީ، ޑިމިކްރަސީއަށް ފައްކާވެފައި މިއޮތީ، މިއަދުގެ ޙާލަތުގައި ވަޢުދު ވިއްކައިގެން، ސިޔާސަތު ވިއްކައިގެން. ތިމަންނާމެން ރައްޔިތުންނަށް ކޮށްދޭނީ ކޮންކަމެއްކަން ބުނެދީގެން، އެކަން ޢަމަލީގޮތުން ސާބިތުކޮށްދީގެން މިއަދު ސިޔާސީ ކަންކަން ކުރާނީ. ގަޔަށް ބޮލަށް އެރި ދުވަސްވަރު ހިނގަށްޖެ،" ކަމަށެވެ.

އޭނާ ވިދާޅުވީ، މީގެކުރީން ރާއްޖޭގައި ކަންކަން ހުރިގޮތުން "އެޙާލަތުގަ އޮތީ އެގޮތަށް ކަމަށްވެދާނެ،" ކަމަށެވެ.

ދެ ވިދާޅުވީ "ޑިމޮކްރެޓްސް ބޭފުޅުން ކަމަށް ވިޔަސް، ޕީޕީއެމް ބޭފުޅުން ކަމަށްވިޔަސް، އެނޫން ޕާޓީއެއްގެ ބޭފުޅުން ކަމަށް ވިޔަސް، އަޅުގަނޑުމެން ރަށްރަށަށް އަރާއިރުގައި ތިސަކަރާތް ޖަހާން ދެން ނަހައްދަވާ. ހުރިހާ ރަށަކުން. އިނގޭތޯ. ތިސަކަރާތް ޖަހަން ހައްދަވައިފިއްޔާ، އަޅުގަނޑުމެން މާ ވަރުގަދަވާނެ." ކަމަށެވެ.

އިމްރާން ވިދާޅުވީ، ސަރުކާރު ޓީމު ނުކުތީމަ ޕީޕީއެމް މީހުންނަށް ވެސް އަދި ޑިމޮކްރެޓްސް މީހުންނަށް ހިފަހައްޓައި ނުލެވޭނޭކަމަށެވެ.

"ހިފަހައްޓައެއް ނުލެވޭނެ އަޅުގަނޑުމެން އެގޮތަށް ނުކުތީމަ. އެހެންވީމާ އަޅުގަނޑުމެން ބޭނުމެއް ނޫން ދެން އެވާހަކަ ދައްކާން،" އޭނާ ވިދާޅުވިއެވެ.

ރާއްޖެ ޑިމޮކްރަސީއަށް ފައްކާވެފައިވާ ކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ކަމަށް ސަރުކާރުން ބުނާއިރު، ވޭތުވެ ދިޔަ 5 އަހަރު ތެރޭ، މާލޭގައި މުޒާހަރާކުރާން ފުރުޞަތެއް ދީފައެއް ނުވެއެވެ. އަދި އިދިކޮޅުން ބާއްވާ މުޒާހަރާތައް ރަނގަޅަށް ނުފެށި އުޅެނިކޮށް، މިހާރުވެސް" ޕްރޮގްރެސިވް ކޯލިޝަންގެ އޮފީސް  ދޮރުމަތީން" ފުލުހުން ހުއްޓުވައި މުޒާހަރާގެ ބައިވެރީން ހައްޔަރުކުރާން މަންޒަރުވެސް ފެނެއެވެ.