ރާއްޖޭގެ ޖުމްލަ އާމްދަނީ ދެގުނަ ބޮޑުވިޔަސް ތަކެތީގެ އަގު ބޮޑުވެ ދިރިއުޅުމުގެ ޚަރަދުތައް ދެގުނަވުމުން އެއިން ރައްޔިތުންނަށް ކުރާނޭ ފައިދާއެއް ނެތްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މުލަކު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި، ރާއްޖެއަށް އެމަނިކުފާނުގެ ޒައާމަތުގައި މި ގެންނަނީ ބޮޑު ބަދަލެއް ކަމަށާއި ނަތީޖާއަކަށް ވެގެންދާނީ އިގްތިޞާދު ކުރިއަރައި އާމްދަނީ ދެގުނަވުން ކަމަށް ވިދާޅުވި ވާހަކައަށް އިޝާރާތްކުރައްވައެވެ.

އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ޖުމްލަ  ޢާމްދަނީ  ދެގުނަ  ވިޔަސް  ތަކެތީގެ  އަގު  ބޮޑުވެ،  ދިރިއުޅުމަށް  ކުރަންޖެހޭ  ޚަރަދުތައް ދެގުނަވެ، ޢާންމު  ރައްޔިތު  މީހާ  އިތުރަށް  ފަޤީރުވާ  ވާނަމަ  ތިޔައިގެ  ބޭނުމެއް  ނެތް،" ކަމަށެވެ.

ރައީސްގެ ކެމްޕޭން ދަތުރުފުޅުތަކުގައި ވަރަށް ބޮޑަށް، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާފައިވާކަން ބުނެދެއްވާން މަސައްކަތްކުރައްވައެވެ. އެގޮތުން، އެމްއެމްއޭގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި އެމަނިކުފާނު ވިދާޅުވީ، ވާދަވެރި ފަރާތްތަކުން ކަންކަން އޮޅުވާލުމަށް، "ކިތަންމެ ބާރަށް ތަކެތީގެ ބޮޑު ވެޔޭ ބުނިޔަސް، އެމްއެމްއޭއިން ސެންޓްރަލް ބޭންކުން އެ ބުނަނީ ތަކެތީގެ އަގު ދަނީ ދަށަށޭ،" ކަމަށެވެ.

ރައީސް މިހެން ވިދާޅުވިޔަސް، އަދި އެމްއެމްއޭގެ ތަފާސްހިސާބުތަކުން އިންފްލޭޝަން މަތިނުވާކަމަށް ދެއްކިނަމަވެސް، 2018 އަހަރާ މިހާރާ އަޅައިކިޔާނަމަ، ބާޒާރުގައި މުދަލުގެ އަގު ހުރީ ވަރަށް ބޮޑުތަނުން އުފުލިފައެވެ.

މީގެ ކުރީން 5 ރުފިޔާއަށް ލިބުނު ކްރީމް ކްރޭކަރ ބިސްކޯދު ބޮނޑި، މިހާރު ލިބެނީ 17 ރުފިޔާއަށެވެ. 45 ރުފިޔާއަށް ލިބުނު ކައްކާ ތެޔޮފުޅި 90ރުފިޔާއަށް އުފުލިފައިވާއިރު، ބާޒާރުގައި ހުރި އެ ނޫން ގިނަ ބާވަތްތައްވެސް ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް، އާންމު ރައްޔިތު މީހާއަށް ލިބޭ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.