ރާއްޖޭގައި ފުލުހުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ވަދެފައި އޮތުން ކަމަށާއި، މިހާރު އެގޮތަށް ފުލުހުންގެ ޚިދުމަތަށް ވެރިމީހާ ގޮސް ކަންކަން ނިންމާ ނުޖެހޭވަރަށް ފުލުހުންގެ އިދާރާ ނުފޫޒުން އެކަހެރިވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ޕޮލިސް ކޮމިޝަނަރަކަށް ހަމަޖައްސާފައި ވަނީ، ރައީސް އިބްރާހީމްގެ އަނބިކަބަލުން މެޑަމް ފަޒުނާގެ ކޮއްކޯފުޅުގެ ފިރިކަލުން މުޙައްމަދު ޙަމީދެވެ. އޭނާ އެމަގާމަށް އިސްކުރެއްވީ، 26 މާރިޗް 2019 ވަނަ ދުވަހު ރައީސް އިބްރާހީމެވެ.

ރައީސް އިބްރާހީމް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކުގެ ތެރޭން، މ. ނާލާފުއްޓަށް ވަޑައިގެން ހޮނިހިރު ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ، މިހާރު ފުލުހުންގެ އިދާރާ ސިޔާސީ ނުފޫޒުން އެކަހެރިކޮށްފައިވާ ގޮތަށް ސިފަކުރައްވާން މަސައްކަތްޕުޅު ކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ ދާއިރާއަށް، ފުލުހުންގެ ޚިދުމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ސިޔާސީ ނުފޫޒު އޭގެ ތެރެއަށް ވަދެފައިއޮތުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ބައެއް ވެރިކަމުގައި ކެބިނެޓް ސެކްރެޓަރީ ވަޑައިގެން ފުލުސް އޮފީސް ހިންގަވަން އެބަ އިންނަވާ ކަމަށާއި ނިދިކުރައްވަން ޖެހެނީވެސް އެތާނގައި ކަމަށެވެ.

" މިއީވެސް އަޅުގަނޑުމެން ދެކެފައި އޮތްތަނެއް" ރައީސް އިބްރާހީމް ވިދާޅުވިއެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރަކު އެމަނިކުފާނު އަރިހުގައި ދެއްކެވި ވާހަކައެއް ކިޔުއްވައިދެއްވަމުން ވިދާޅުވީ، "ވަރަށް ހަލަބޮލި ދުވަހެއްގައި، ތިމަންނާ އޮފީހުގައި އިންދާ ބޭރުން ޓަކިޖަހާލައިފި." ކަމަށެވެ.

" ދޮރުހުޅުވާލިއިރު، ރާއްޖޭގެ ވެރިމީހާ ފުލުސް އޮފީހަށް ވަޑައިގެން. އެންގެވި ކޮންމެވެސް ކަމެއް އެގޮތަށް ނުކުރެއްވުމުގެ ސަބަބުން. ފުލުސް އޮފީހަށް ވަޑައިގެން، އެކަން ހިންގަވަނީ. މިއަދަކު ރާއްޖޭގެ ވެރިމީހާއެއް ފުލުސް އޮފީހަކަށް ވަދެ، ޕޮލިސް ކޮމިޝަނަރަކަށް އަމުރެއް އެގޮތަކަށް ނުކުރާނެ" އިބްރާހީމް ވިދާޅުވިއެވެ.

ރައީސް އިބްރާޙީމް މިގޮތަށް ވިދާޅުވުމުން ގިނަ ބަޔަކު ދަނީ އެމަނިކުފާނު މިހާރު އެފަދަ އަމުރުފުޅުތަކާއި ނުފޫޒު ހިންގަވާން، ފުލުސް އޮފީހަށް ވަޑައިގަންނަވާން ނުޖެހޭނޭކަމަށް ބުނެ، އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެމަނިކުފާނުގެ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރުވެސް ހަމަޖައްސާފައި ވަނީ، ގޭތެރޭން ކަންކަން ނިންމާލެވޭނޭ އިންތިޒާމާ އެކު ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުން ކަމަށެވެ.

"އެގޮތުން ރޭވިފައިވާ ޕްލޭނާ އެއްގޮތަށް އެކަން ބާރަށް ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް އަޅުގަނޑުމެން ގާއިމްކޮށްދޭނަން،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.