ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މިހާރު މުލަކު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރޭން، މ، މުލަކާއި އެއަތޮޅު ދިއްގަރަށް ވަޑައިގެން އެ ދެރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތް ހުޅުއްވައި ދެއްވައި، އެ ސިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތައް ބައްލަވައިލައްވައިފިއެވެ.

މުލަކު ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތުގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ކޮންފަރެންސް ހޯލަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރެއް ހިމެނެއެވެ.

ރިޔާސީ އިންތިޚާބަށް ކުޑަތަން ވަމުން އަންނައިރު، ރައްޔިތުންގެ އިހްސާސްތަކާ ކުޅެލުމަށް ސިޔާސީ ފަރާތްތަކުން އާންމުކޮށް ބޭނުންކުރާ އެއް އުކުޅަކީ، ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ކުރެވޭން ހުންނަ ވަރަށް އާދައިގެ ކަންކަންވެސް ދައުރުގެ ފަހުކޮޅަށް ބަހައްޓައި ޖެހިގެން އަންނަ ދައުރަށް ތާޢީދު ހޯދުމަށް ރިބަންކެނޑުން އިތުރުކުރުމެވެ.

 

ރައީސް އިބްރާހީމް މިއަދު ވަނީ ދިއްގަރު ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތްވެސް ހުޅުއްވައި ދެއްވައިފައެވެ. އެތަނުގައި ޕަބްލިކް ހެލްތް ޔުނިޓަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރޭޖް ޔުނިޓެއް ހިމެނެއެވެ. މި އިތުރުކުރެވުނު ޢިމާރާތާއެކު ދިއްގަރު ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.

ރައީސް އިބްރާހީމް މިހާރު އަތޮޅުތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި، ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަތަކާއި، ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް މި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، ދެވަނަ ދައުރެއް އެމަނިކުފާނަށް ދެއްވުމަށް ދަނީ ގޮވައިލައްވަމުންނެވެ.