ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޢިއުލާނުކުރައްވާފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭން ގޯތި ދިނުމަށް ޝަރުޠު ހަމަވި މީހުންގެ ލިސްޓާ ގުޅޭގޮތުން ވަގުތު ހަމަވީ އިރު ލިބިފައިވަނީ 800އެއްހާ ޝަކުވާ ކަމަށާއި އެ ޝަކުވާތަކަށް ޖަވާބުދީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގޯތި ލިސްޓު އާންމުކުރެވޭވަރު ވާނޭ ކަމަށް ފްލެޓާއި ގޯތިދޫކުރުމުގެ ކަންކަމަށް ސަރުކާރުން އެކުލަވާލާފައިވާ ކޮމެޓީން ބުނެފިއެވެ.

"ގެދޮރުވެރިޔާ" ޕޯޓަލް މެދުވެރިކޮށް، ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ސަރުކާރުން ހުޅުވާލީ މި ދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އަދި މި ފުރުޞަތު ޖުލައި 15 ވަނަ ދުވަހުގެ 23:59 އަކަށްވަނީ ހަމަވެފައެވެ.

ކޮމިޓީގެ ޗެއަރ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯއްޗަށް ޝަރުތު ހަމަވެ، ޖޮއިންޓްކޮށް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ސާފުކުރުމަށް ދުވަސްކޮޅެއް ނަގާނޭ ކަމަށެވެ. އަދި ބައެއް ފަރާތްތައް ލިޓުން އުނިކުރާށާއި އަދި ބައެއް ފަރާތްތައް ލިސްޓަށް އަލަށް ލާންވެސް ޖިހެދާނޭކަން ފާހަގަކުރައްވައި އަކުރަމް ވިދަޅުވީ، ލިސްޓަށް މާކަ ބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.

މީގެ އިތުރުން ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތަކަށް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޖަވާބުދީ، ދާއިމީ ލިސްޓުވެސް ވަރަށް އަވަހަށް އިއުލާނުކުރައްވާނޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލޭން ގޯތި ހޯދުމަށް 15164 ފޯމު ހުށަހަޅާފައިވާއިރު، މި ފޯމުތައް ހުށަހަޅާފައިވަނީ ވަކިވަކީންނާއި ޖޮއިންޓުކޮށް 23088 މީހަކު ކަމަށް ވެސް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް މީގެކުރީން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން ޝަރުޠު ފުރިހަމަ ވަނީ 19857 މީހަކު ހުށަހެޅި 12794 ފޯމު ކަމަށާއި މީގެ ތެރެއިން ގެޒެޓު ކޮށްފައިވަނީ 10314 މީހަކަށް ލިބޭ ގޯތި ކަމަށެވެ.

މާލޭ ސަރަޙައްދުން ހިލޭ ގޯތި ދިނުމަކީ ބައެއް ރައްޔިތުން ކަންބޮޑުވާ ކަމަކަށް ވާއިރު، އަނެއް ބަޔަކު ދަނީ ދައުލަތުން ފައިސާ ޚަރަދުކޮށްގެން ހިއްކާ ބިން ހިލޭ ދެވޭ ކަމަށް ވާ ނަމަ، ހިއްކާ ބިމުގައި އަޅާ ފުލެޓުތައް ވެސް ހިލޭ ދެވޭން ޖެހޭނެ ކަމަށް ބުނަމުންނެވެ. ނުވަތަ ފުލެޓުގެ އަގުގެ ތެރެއިން ބިމުގެ އަގު އުނި ކުރެވޭން ޖެހޭ ކަމަށް ބުނަމުންނެވެ.