ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ޚާއްސަ ދަތުރުފުޅުގެ ތެރޭން، މުލަކު އަތޮޅު ކޮޅުފުއްޓަށް ވަޑައިގެން މ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް ހުޅުއްވައިދެއްވަ، ކޮޅުފުށީ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރައްވައި އެ ރަށު ފެނުގެ ނިޒާމް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

ސްވިފްޓް އިންޖިނިއަރިންގއާ ހަވާލުކޮށްގެން ސަރުކާރުން ވަނީ ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާގައި މަލްޓިޕަރޕަސް ހޯލަކާއި 8 ކްލާސްރޫމް އިމާރާތްކޮށްފައެވެ.

އަދި ގްރީން ފަންޑުން ޚަރަދުކޮށްގެން އެމްޓީސީސީއާ ހަވާލުކޮށްގެން އެރަށުގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރުގެ ރިވެޓްމަންޓަކާއި ރަށުގެ ދެކުނު ފަރާތުގައި 382.2 މީޓަރުގެ ރިވެޓްމަންޓެއް ޤާއިމުކުރުމުގެ އިތުރުން ދެ ބްރޭކްވޯޓަރ ޤާއިމްކޮށް އިރު ދެކުނު ފަރާތުން ގިރާ ސަރަޙައްދަށް ވެލިއެޅުމާއި މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކޮށްފައިވެއެވެ.

މީގެ އިތުރުން އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކޮޅުފުށީ ފެނުގެ ނިޒާމްވެސް ވަނީ ގާއިމްކޮށްފައެވެ.

ކޮޅުފުށްޓަކީ ގާތްގަނޑަކަށް 700އެއްހާ މީހުންގެ އާބާދީއެއް އޮންނަ، ބިމުގެ ގޮތުން ތަނަވަސް ރަށެކެވެ.