ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ދެވަނަ ދައުރެއް ދީފިނަމަ މިގައުމުގައި ދީނެއް އަމާންކަމެއް ނޯންނާނޭ ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަބްދުﷲ ސަޢުދާން ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާޙީމްގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު، ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން 2021ގައި ކުރި ހުކުމް ބާޠިލްކޮށް އޭނާއަށް މާފުދިނީ އޭނާ މާފަށް އެދި ކޯޓަށް އެކަން އެންގުމުން ކަމަށް ސުޕްރީމް ކޯޓުން ބުނި ޚަބަރަކާ ގުޅިގެން ޝޭޚު ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރަށާއި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސުވާލު އުފައްދަވައިފައެވެ.

"މި ސަރުކާރުގެ ޢަދުލު އިންސާފު ހުރި މިންވަރަކީ މިއީތޯ؟ މާފަށް އެދުމުން މިހާރު ހުރިހާކަމެއް ހަމަޖެހެނީތޯ؟ މިއީތޯ ދިވެހިރާއްޖޭގެ ޝަރުޢީ ނިންމުންތައް ވެއްޓިފައިވާ މިންވަރަކީ؟ " އިންސާފު އަރައި ހަމަކޮށްފައި މިވަނީ ރިޔާސީ އިންތިޚާބާ ދިމާކޮށްކަން ފާހަގަކުރައްވަމުން ޝޭޚް ވިދާޅުވިއެވެ.

ސައުދާން އިތުރަށް ވިދާޅުވީ، "މިއީ ޢަދުލުވެރިކަމެއް އިންސާފެއް އިޚްލާޞްތެރިކަމެއް ނެތް ސަރުކާރެއް" ކަމަށެވެ.

"މިހާނުބައި ބަޔަކަށް ދެވަނަ ދައުރެއް ދީފިނަމަ މިދިވެހި ފަސްގަނޑުގައި އިސްލާމް ދީނެއް މިނިވަންކަމެއް އަމާންކަމެއް ނޯންނާނެ." ކަމަށްވެސް ޝޭޚް ވިދާޅުވިއެވެ.

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި ރައީސް އިބްރާހީމް ވަޒީރުކަމުން ދުރުކުރެއްވި ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ ދައުވާ އަނބުރާ ގެންދިއުމުން އޭނާ ވަނީ މިހާރު ރާއްޖެވަޑައިގެންފައެވެ.